ރަޙުމުކުޑަގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީއާއި ރައުދއާތިފްގެ މަރުގެ މައްސަލަ ރިޔާސީ ކޮމިޝަނުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއަށް އަރުވައިފިއެވެ.
ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންނާއި މަރުވެފައިވާމީހުންގެ މައްސަލަތަށް ބެލުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ދެ މައްސަލަ ބަލައި ނިންމިމުމަށްފަހު އެކުލަވާލި ރިޕޯޓު ރައީސް ސޯލިހުއަށް އަރުވާފައިވާ ކަމަށެވެ.
https://twitter.com/DdcomMdv/status/1192374829170774017
އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ.ފުންވިލުގެ ސިޑިގޮޅި ކައިރީގަ. ކަތިވަޅި އަކުން އަފްރާޝީމްގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފުސީލުތައް ހާމަކުރައްވާއިރު އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުނާއި އެ ކަން ރޭވި މީހުންގެ މައުލޫމާތު ވެސް ހާމަ ކުރާނެ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ސާބިތުވެ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެކަމަކު ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލްވުމުގެ ކުރިން ހުމާމް މަރަން ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.
https://twitter.com/DdcomMdv/status/1192391031800705030
ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.
ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ.
ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިހާތަނަށް ވަނީ ގެއްލިގެން ހޯދަމުންދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ މައަސަލައިގެ ތަފްސީލްތައް އާންމުންނާއި ޙިއްސާކޮށްފައެވެ. ތަޙުޤީޤު ރިޕޯޓުން ހާމަކުރި ގޮތުގައި ރިލްވާން ވަނީ ހުޅުމާލެއިން ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގޮސް، ކަނޑު އުޅަނދެއްގައި މަރާލާފައެވެ.

