ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ޝަރީއަތް ޓީވީން ލައިވް ބްރޯޑްކާސްޓްކުރަން އެދިފައި ވާތީ އެކަމާއި މެދު ގޮތެއް ނިންމުމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހަށް ފޮނުވަން މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އަލަށް ހަތް ދައުވާއެއް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ކޮށްފަ އެވެ.
އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
މި މައްސަލަތަކުގެ ޝަރީޢަތް ބުރާ×ސްފަތި ދުވަހު ފަށާފައިވާއިރު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނީ އެ ޝަރީއަތް ލައިވްކޮށް ދިނުމަށް އެދި ކޯޓަށް ކުރިން ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގެ ޖަވާބުގައި، ޝަރީއަތް ލައިވް ނުކުރަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވި ކަން އަންގައި، ޖަވާބު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މައްސަލައަކީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައެއް ކަމަށްވާތީ ގާޒީގެ އެ ނިންމުން މުރާޖާ ކޮށްދޭން ދައުލަތުން އެދުނެވެ. އަދި އަދީބުގެ ފަރާތުން ވެސް އެ ޝަރީއަތް ލައިވްކުރަން އެދުނު ކަން ދައުލަތުން ފާހަގަކުރި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ވެސް ލައިވް ކުރަމުންދާ ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ މައްސަލައަށް ވުރެ އަދީބުގެ ޝަރީއަތް ލައިވް ކުރުމުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ. އަދި އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ނިންމީ އެކަމާ ބެހޭގޮތުން ކޯޓުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން ކަމަށް ކޯޓުގެ ޖަވާބުގައި އޮތަސް، އެ އުސޫލުގައި އޮތީ ކޮން ވާހަކަތަކެއް ކަން ދައުލަތަށް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ. ލައިވް ނުކުރަން ގާޒީ ނިންމެވީ ކަމަށް ސިޓީގައި އޮތަސް، އެގޮތަށް ގާޒީ ނިންމެވި ސަބަބެއް ވެސް ސިޓީގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން އަދީބުގެ ވަކީލް މަހްފޫޒް ސައީދު ވެސް ވިދާޅުވީ އެ ޝަރީއަތް ލައިވްކުރަން އަދީބުގެ ފަރާތުން އެދިފައިވާނެ ކަމަށާއި ސަބަބަކީ އެއީ ބޮޑެތި ތުހުމަތުތަކެއް ކުރާ މައްސަލައަކަށް ވާތީ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައިން އެންމެންނަށް ވެސް ސިފަވަނީ އަދީބު ކަމަށާއި އެކަމަކު އެއީ އެއަށް ވުރެ މާ ގިނަ ބަޔަކު ހިމެނޭ ކަމެއް ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އެހެންވެ، މަހްފޫޒް ވެސް އެދިވަޑައިގަތީ ލައިވް ނުކުރަން ނިންމި ނިންމުން އަލުން މުރާޖާކޮށް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ލައިވް ކުރަން ދައުލަތުން ތަކުރާރުކޮށް އެދެމުންދާތީ އެކަމުގައި ދެން ގޮތެއް ނިންމާނީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ. އެހެންވެ، ދެން އިތުރަށް އެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އެކަމުގައި އެ މަޖިލީހުން ގޮތެއް ނިންމުމަށް ފަހު ކަމަށް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.

