ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަތްތަވާ ފޫކަހާލާ އަޑަށް ޖެހިގެން ހުރި ގެއިން ބަތް ގެނެސްދޭތަ؟

ރަށެއްގެ އަންހެން ވެރިން އެއްވެގެން ކައްކަނީ... ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަތްތަވާ ފޫކަހާލާ އަޑަށް ޖެހިގެން ހުރި ގެއިން ބަތްތެލި ގެނެސްދޭނެ! މިއީ ޒަމާނުއްސުރެ ދިވެހިންގެ އެއްބައިވަންތަކަމާއި ގުޅުމުގެ ލާމަސީލު މިސާލު ރަމްޒުކޮށްދޭ އެއް ޖުމްލައެވެ. އެކަކު އަނެކަކާއި މެދު ވިސްނާވަރު މި ޖުމްލައިން ހާމަވެއެވެ. ނަމަވެސް މިއަދު ކަންކަން އޮތީ މިގޮތަށްބާ؟

އެކަކުއަނެއްކަަކަށް އޮންނަ ނަފްރަތާއި ރުޅިވެރިކަމާއި ބޮޑާކަން މަގުމައްޗަށް ނިކުމެލުމުން ފެނިގެން ދެއެވެ. މަގުމަތިން ފެނިގެން ދަނީ ދިވެހިންގެ އާދައާއި ސަޤާފަތާއި ވަރަށްވެސް ބީރަށްޓެހި ޢަމަލުތަކެވެ. އެކަކު އަނެކަކަށް ބަލާލުމެއްނެތެވެ. ސަލާންގޮވުމުގެ އާދަ އުވިގެން ހިނގައްޖެއެވެ. ހީލައިފިނަމަ އެއީ ”ފޮށުނީ“ ކަމަށް ހީކުރެވޭ ހިސާބަށް ކަންތައް ގޮސްފިއެވެ.

ކޮންމެ މީހެއްވެސް އަމިއްލަ ހިޔާލާއި ފިކުރުގައެވެ. ވެހިކަލްތައް ދުއްވަނީ އެމީހަކު ދުއްވަން ބޭނުންވާ، ހިތައް އައިހާ ގޮތަކަށެވެ. ދުއްވާފައިދާ އަނެއް މީހާއަށް ތަންކޮޅެއް ދައްކައިިފިނަމަ އެއީ ތިމާއަށް ލިބޭ ދެރައެއް ކަމަށް ހީކުރެވެއެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދާއިރު ހިނގާ މީހުންނައް ބަލައިލުމެއްނޯވެއެވެ. ހިނގާފައިދާ މީހާ ދުއްވާ އެއްޗެއްސަށް ތަންދިނުމެއް ނޯވެއެވެ. މަގުގައި އޮންނަ ޗަގަ ފެންގަނޑުމަތިން ދުއްވާފައި ދާއިރު އަނެކާގެ ގަޔަށް ބުރިޔަސް ވަރިހަމައެވެ.

އޮއްވަޅުގޮނޑި ކުޅެނީ. މިއީ ކުރިން ރަށްރަށުގެ މަގުމަތިން ފެންނަ އާންމު މަންޒަރެއް…

ގިނަ އާއިލާތަކުންވެސް މިއަދު ފެނިގެން ދަނީ މިފަދަ މަންޒަރެކެވެ. ޒަމާނުއްސުރެ ދިވެހިންނަކީ ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވަމުންދާ ބައެކެވެ. ގުޅުން ދެމެހެއްޓުމަށްޓަކައި ކިތަންމެ ދުރުގައި ދިރިއުޅުނު ނަމަވެސް އާއިލީ އެއްވުުމާއި، ކުޑަމިނުން އެކެއް އަނެކެއްގެ ޙާލު ބަލާލުމަކީ އޮންނަ އާދައެކެވެ.

މަޑުމަޑުން އެ އާދަ މިއަދު ފަނޑުވަމުން ނެތިދަމުން ދާ ތަން ފެނެއެވެ. އަޅެ ވިސްނާލަބަލާށެވެ. އެއްބަނޑު އެއްބަފާ ނުވަތަ އާއިލާގެ މީހަކާއި ގުޅާ ނުލާތާ އެތަށް ދުވަހެއް ވެގެންދެއެވެ. އެކި ސަބަބުތަކާހުރެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމާއިގެން ވަރަށް ބުރައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ސިސްޓަމް ފެށުނީއްސުރެ ދިވެހިންގެ މެދުގައި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ސިޔާސީ ގޮތުން ފިކުރު ތަފާތުވެ ގާތްތިމާގެ ގުޅުން ކެނޑިފައިވާ އާއިލާތައް މަދެއް ނޫނެވެ.

ސިޔާސީ ކޯޅުންގަނޑު އާއިލާތެރޭ ބޮޑުވެ ޒުވާބު ކުރާއިރު ރަހިމުގެ ގުޅުމަކަށް ނުބަލައެވެ. ގާތްތިމާގެ ގުޅުމަކަށް ނުބަލަައެވެ. އެއްކަލަ ބަތްތަވާ ފޫ ކަހާލާ އަޑު އިވިގެން ބަތް ތެލި ހިފައިގެން އަންނަ އަވަށްޓެރިޔާއަށް ބަލާނުލައެވެ.

އާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި މީހުން، ސިޔާސީ ގޮތުން ތިމާ ތާއީދު ކުރާ މީހާ ހޮވުމަށް އެ ގުޅުން ކަނޑާލަން މިއަދު ތިބީ ތައްޔާރަށެވެ.

ދޯނި އެހެލާ މަންޒަރެއް. ދޯންނެއް އެހެލާ ނަމަ ރަށު އެންމެން އެކަމަށް އެހީތެރިވާނެ….

ކަންކަން މިހާހިސާބަށް ދިޔައިރު ހިތަށް އަރަނީ އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދިން ރިވެތި ނަމޫނާއަކީ މިއީ ބާއޭ؟ ދިވެހިންގެ ސަޤާފަތާއި އަޚުވަންތަ ގުޅުން މިހާހިސާބަށް އައި އިރު މިޙާ ގޯސްވެގެން ދާންޖެހެނު ސަބަބަކީ ކޮބައިބާއޭ ހިތައް އަރައެވެ. އެކަކު އަނެކަކަށް ވަގުތު ނުދެވި ވަޒީފާގައި ބުރަވުންބާއޭ، ނުވަތަ އާއިލާތަށް އެކި ރަށްރަށަށް ބަދަލުވެ ދިރިއުޅެން ތަފާތުވުން ބާއޭ؟ ސިޔާސި ފޯރިއަކީވެސް ސަބަބެއް ކަމުގައި ވުން އެކަށީގެންވެއެވެ.

ކަން މިހެން އޮތް އިރު ޤައުމުގައި ބޮޑު ހާދިސާއެއް ހިނގައިފިނަމަ މި ބުނާ ދިވެހިންގެ އެއް ބައިވަންތަކަން ދައްކުވައިދެއެވެ. ދާދިފަހުން ހނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައިވެސް އެހީތެރިކަމަށް އަތް ދިއްކޮށްލީ ފަސްޖެހުމެއް ނެތިއެވެ. ތާށިވެފައި ތިބި މީހުންނާއި ގެތަކުން ނެރުނު މީހުންނަށް އެހީތެރިވުމަށް ބޮޑު ހުޅާއި ދިމާލަށް ދުއްވައިގަތީ ފަސްޖެހުމެއް ނެތިއެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާބޯތަކެއްޗާއި އަންނައުނު ހަދިޔާ ކޮށްދިން އިރު ރަހިމުގެ ގުޅުމަކަށް ނުވަތަ ގާތްތިމާގެ ގުޅުމަކަށް ނުބަލައެވެ. ފެނިގެން ދިޔައީ ވަރަށްވެސް އުފާވެރި އެހާމެ ލާމަސީލު މިސާލެކެވެ.

ނަމަވެސް ހިތަށް އަރަނީ އެހީތެރިވާންވީ ހަމައެކަނި މިފަދަ ވަގުތުތަކުގައި ހެއްޔެވެ؟ ބަތް ތަވާ ފޫކަހާލީމައި މިއަދު ބަތް ހިފައިގެން އަންނާނެ މީހަކު ވޭހެއެްޔެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: