ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ޝަރުއީ ނިޒާމުގައި އެއްވެސް ހަމައެއް ލަމައެއް ނެތުމަކީ ކަންބޮޑުވުމެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް އަކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައެވެ.
މެންބަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ރައްޔިތުންނަށް ދެއްވި ހިތާބުގައި، އެ ހިނދުން ހިނދަށް ކޯޓުތަކަށް އަތްބޭނުން ނިމުނީކަމަށް ވިދާޅުވިކަމަށާއި، ނަމަވެސް އެކަން ގަބޫލުކުރެވެން ނެތްކަމަށް ވިދާޅުވިއެވެ. އެއާއި ހިލާފަށް ފެންނަމުން ދަނީ ކަނޑައެޅިގެން ކޯޓުތަކަށް އަތްބާނާ މަންޒަރުކަމަށް ވިދާޅުވިއެވެ. ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރިކަމަށްވެސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މަސްލަހަތު ހުރި މައްސަލަތައް ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރިކަމަށް މެންބަރު ވިދާޅުވިއެވެ.
އެއީ ވަރަށް ހުތުރު އަމަލެއް، ވަރަށް ކުއްލިއަކަށް ކޮށްފައިވާ ކަމެއް. މިއަދު އަނެއްކާވެސް އަޅުގަނޑުމެންނަށް މި އިވެނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ފަހަތުން ދުވަމުން ދާތަން.
މެންބަރު އިބްރާހީމް ވިދާޅުވިއެވެ.
އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ މީހުންނާއި މެދު އަމަލުކުރަނީ ތަފާތުކޮށްކަމަށާއި، އެކަކު ބޮޑު މަގާމުގައި ހުންނައިރު، އަނެއްކަކު އިންނަނީ ޖަލުގައިކަމަށް ވިދާޅުވިއެވެ. ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިބިކަމަށް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުންވާނަމަ މިހުރިހާކަމެއް ހުއްޓާލަން ޖެހޭކަމަށެވެ. މެންބަރު ވަނީ ރިހާކުރި ފުޅީގެ ވާހަކަ މީހުން ދައްކަނީ ޖޯކަކަށް ނޫންކަމަށް ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ޝަރުއީ ނިޒާމަށް މީހުން ކުރާ މަލާމާތެއްކަމަށް މެންބަރު ވިދާޅުވިއެވެ.
ގާނޫނާއި ހިލާފުކަމެއް މީހަކު ކުރި ނަމަވެސް، އޭނައަށް ސަލާމަތްވެވޭނެކަމުގެ އުއްމީދު އޮންނަކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، މި މަންޒަރު މިހާރުވެސް ފެންނަމުންދާކަމަށެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްވެ، ނުހައްގު މުއްސަދިކަން ހޯދާ ފަރާތްތަކަށްވެސް ފިޔަވަޅު ނާޅާކަމަށް ވިދާޅުވިއެވެ. އިސް މަގާމެއްގައި ހުރި މީހަކާއި ގުޅިގެން ނޫނީ އިންސާފު ނުލިބޭ ހިސާބަށް، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ކަންކަން ދިއުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.
ވެރިމީހާ ހިތް ރުހޭ މީހާ ކޮންމެ ކަމެއް ކުރި ނަމަވެސް ސަލާމާތްވާކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ ނުރުހޭ މީހާ ކުށެއް ނުކުރި ނަމަވެސް އިންނަން ޖެހެނީ ބަންދުގައިކަމަށެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރާކަމަށާއި، ނަމަވެސް އެއީ އިސް މީހަކާއި ގުޅުން އޮންނަ މީހެއްގެ ރޭކާލާ ހިސާބުން އެމީހެއްގެ ފޮޓޯ ވެބްސައިޓުން ގެއްލޭކަމަށް ވިދާޅުވިއެވެ.
6 ރައީސުން ތިބިއިރު، އެއްވެސް ވެރިއަކު ދެވަނަ ފަހަރަށް އިންތިހާބު ކުރުމަށް ރައްޔިތުން ބޭނުން ނުވަނީ ސަބަބުތަކަކަށްޓަކައިކަމަށް ވިދާޅުވިއެވެެ.

