ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްޤީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަކޮށްފިއެވެ.
ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި މިހާރު ސަރުކާރުން ތަޢާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއަކީ ފުރިހަމަ ޕްލޭނެއްކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.
ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް އެ ބޭންކުން އެހީތެރިވާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި އެކިއެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާންކުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޤައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އަދި ވޯލްޑްބޭންކުގެ ވަފުދުންވެސް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

