ވެރިންނަކީ ބަދަލުވާ ބައެއް، ނަމަވެސް ނިޒާމާއިމެދު އޮންނަ އިތުބާރު ގެއްލޭހެން ނިޒާމު ބަދަލުވެގެން ނުވާނެކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް އަކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަަކަވަމުން ޒިޔާދު މަޖިލީސް ބަލާ ފަރާތްތަކަށް ޝަރުއީ ދާއިރާގައި ތަފާތު ކުރުން އޮތްކަން ވަރަށް ސާފުކޮށް އެނގޭނެކަމަށެވެ. މިއީ ދެކޮޅު ހެދެނޭ އެއްވެސް ޖާގައެއް އޮތްކަމެއް ނޫންކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، ތަރާދަކީ ބަރު އެއްޗިސް ނުކިރޭ އެއްޗަކަށް ކިޔާ އެއްޗެއްކަމަށާއި، ރާއްޖޭގެ ކޯޓުތަކުގައި މައްސަލަ ބަލަން ގެންގުޅެނީ އެ ޒާތުގެ އެއްޗެއްކަމަށެވެ.
އެގޮތުން ބޮޑެތި މައްސަލަތައް ފެންމަތިވުމުން ކޮންމެސް އެއް ސަބަބަކާއި ހުރެ މައްސަލަ ނުބެލިދާކަމަށް ފާހަގަކުރެއްވިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައްކަން ޖެހޭ 300 ރުފިޔާގެ ފީއެއް ނުދައްކާ އޮތުމުގެ ސަބަބުން ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތައް ބޭރުކޮށްފައި އެބަހުރިކަމަށް މެންބަރު ވިދާޅުވިއެވެ.
ކުދި ކުދި ކަންކަމުގައި އަދަބު ދެވޭ ވަރު މި ހުންނަނީ މި ކޯޓުތަކުގައި ޖާގަ ދެވޭ ވަރު މި ހުންނަނީ މި ކޯޓުތަކުގައި، ޖާގަ ނެތުމުންކަމަށް ހުއްޖަތެއްގެ ގޮތުގައި ދައްކަވަނީ. މީ ނެތްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެންނެއް ނުވާނެ.
ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ޖާގަ ނެތުން އުޒުރަކަށް ހަދައިގެން އެތައް މައްސަލަތަކެއް ކުރިއަށް ނުގެންގޮސް ހުންނަކަމަށާއި، އާދައިގެ ރައްޔިތުންގެ މައްސަލަތައް ނޫނީ ކުރިއަށް ނުވެސްދާކަމަށެވެ. މިކަން ހަމަ މަގަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނަމަވެސް، ޕީއެންސީގެ މެންބަރުން މިކަމުގައި ފާޑު ކިޔަނީ އެހެން ސަރުކާރުތަކަށްކަމަށް ވިދާޅުވިއެވެ.
އަދުލު އިންސާފު ބިނާ ވަނީ ހެދިފައި އޮންނަ ނިޒާމެއްގެ މައްޗަށްކަމަށާއި، ކަންކަން ބަދަލުވަމުން ގޮސްގެން ނުވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. ވެރިންނަކީ ބަދަލުވާ ބައެއް ނަމަވެސް ނިޒާމާއިމެދު އޮންނަ އިތުބާރު ގެއްލޭހެން ނިޒާމު ބަދަލުވެގެން ނުވާނެކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، ބަދަލުވެގެންދާ ވެރިކަމާއިއެކު މެންބަރުންގެ ހިޔާލުވެސް ތަފާތުވާކަމަށެވެ.

