ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަޤީންކަން ހޯދަން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި އިސް ބޭފުޅުން ގުޅާ އަދި މެސެޖް ކުރިކަމަށާއި އޭނާ ސަސްޕެންޑުކުރީ އެކަމަށް އެއްބަސް ނުވުމުންކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެން އަދި ހައިލަމް ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އަލްހާން ފަހުމީއާއި މެދު ހިނގާފައިވާ ޓްރާންސެކްޝަން މައްސަލަ ޕޮލިހުގައި އެބަ އޮތްކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށާއި، މިކަން ހިނގާދިޔަކަން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޟީއަށްވެސް އެނގިލައްވާނޭކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހައިލަމްގެ ބަޔާނުގައި ވަނީ ގިނަކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ މަނީލޯންޑަރިންއާއި ގުޅިގެންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 6 ނޮވެމްބަރު 2019ވަނަ ދުވަހު ޖޭއެސްސީން ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ނިންމާފައިވާއިރު، އެ މައްސަލަ އަކީވެސް އޭނާއަށް ގުޅައިގެން އަދި މެސެޖްކޮށްގެން ވާހަކަ ދެއްވި މީހުން ދީފައޮތް އިންޒާރާއި ސީދާ ގުޅުންހުރި ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.
އަލްހާން ފަހުމީ އާއި ހައިލަމްއާއި ދެމެދު ހިނގާފައިވާ ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިނގި މައްސަލައިގެ ތަފުސީލުވެސް ވަނީ ދެއްވާފައެވެ. އެގޮތުން، އަލްހާންއަކީ އެއްވެސް އިރެއްގައި އެއްވެސް ހައިސިއްޔަތުން ކްރިމިނަލް ކޯޓަށް ދާ ބޭފުޅެއް ނޫންކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އަލްހާން އަކީ ހައިލަމްގެ ގާތް ރައްޓެއްސެއްކަމަށާއި، އަދި މިހާތަނާސް އައިއިރުވެސް އަލްހާން އާއި ގުޅުން ހުރި އެއްވެސް މައްސަލައެއް ބަލާފައިނުވާނޭކަމަށެވެ. ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަން މައްސަލައިގައި މީގެ ކުރިން ފުލުހުންގެ އިސްވެރިޔަކު ބައްދަލުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް ކިޔާ ދިނުމުން، އކަމުގައި ޖިނާއީ އެއްވެސް މައްސަލައެއް ނެެތްކަމަށްބުނެ އެ މައްސަލަ ނުބަލަން އޭރުގައި ނިންމާފައިވާކަމަށްވެސް ވިދާޅުވިކަމަށް ބަޔާނުގައި ވެއެވެ.
3 ސަފުހާގެ ބަޔާނުގައި ހައިލަމް އިތުރަށް ވިދާޅުވީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައިގެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ.އއަދި އެއީ ކިތަންމެ މަތީ މަގާމެއް ފުރުއްވާ ބޭފުޅަކަށްވެސް އެނގެން ނުޖެހޭނެކަމަށް ވިދާޅުވިއެވެ. ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ ތެރޭގައިވެސް، ކުރީގެ މަޖިލިސް މެންބަރުންނާއި އަދި މިހާރުގެ މަޖިލިސް މެންބަރުންގެ ތެރޭގައިވެސް އެ ބޭފުޅުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ހުއްދަ ފަރާތްތައް އެބަ ތިއްބެވިކަމަށާއި، ސަރުކަރުގެ ކޮންމެ މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ އެކައުނޓއް ބެއްލެވިޔަސް އެމީހެއް ގާތް މީހުންނަށް ކަންކަމުގައި ފައިސާ ދޫކޮސްފައި ހުންނަތަން ފެންނާނެ ކަމަށެވެ.
ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ދުވާތީވެ ހައިލަމް ވަނީ ޖޭއެސްސީއާއި ސުވާލުތަކެއް ކޮށްފައެވެ.

