އުރީދޫ މޯލްޑިވްސްއިން، ކުންފުނީގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ބާއްވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫގެ ބޯޑުގައި ޖެންޓަރ ޑައިވަސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށް، ކުންފުނިން ވަނީ މަރުހަބާ ކިޔާފަ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރަކަށްވެ، މަދުވެގެން 50 ހިއްސާ ހުންނަން ޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ތިން މަސް ކުރިން، ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާން ޖެހޭނެ އެވެ.
މީގެއިތުރުން ކުންފުނީގެ ގާނޫނާއި، ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ”ކޯޕަރަޓް ގަވަނަންސް ކޯޑް“ ގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ ”ފިޓް އެންޑް ޕްރޮޕަރ“ މިންގަނޑުތައް ފުރިހަމަވާ ފަރާތަކަށް ވާން ޖެހޭނެކަމަށް ވެސް އުރީދޫއިން ބުނެއެވެ.
ހިއްސާދާރެއްގެ ގޮތުގައި ކުރިމަތިލާ މީހެއްގެ އަތުގައި، ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވުމާއި، ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. އަދި މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮންނަން ވާނެ އެވެ. ނަމަވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެ އެވެ.
އުރީދޫއިން ބުނި ގޮތުގައި އެ މީހަކީ، ކުންފުނީގެ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވެސް ވެގެން ނުވާނެ އެވެ. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓަރ އެއް ނުވަތަ ރެގިއުލޭޓަރއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން އެއް އަހަރު ދުވަސްވާން ވާނެ އެވެ. އަދި އެފަދަ ތަނެއްގައި މިވަގުތު މުވައްޒަފެއްގައި މަސައްކަތް ކުރާ މީހަކަށް ވެގެން ނުވާނެކަމަށް ޝަރުތުތަކުގައި ވެއެވެ. މީގެއިތުރުން އާއިލާގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ ނުވަތަ ކޮމްޕެޓިޓަރއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން ހިމެނެ އެވެ.
އުރީދޫއިން ބުނީ ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއި އެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބު ކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި ފެބްރުއަރީ މަހު އިއުލާނު ކުރާނެކަމަށް ވަނީ ބުނެފަ އެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިހާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމާ ހަމައަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ނުވަތަ ނުވަތަ މި ”ލިންކު“ އިން ލިބޭނެއެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއަރޓަރސް (ގްރައުންޑް ފްލޯ) އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، investor.relations@ooredoo.mv އަށް އީމެއިލްކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 4 ޖަނަވަރީ ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

