ކްރިމިނަލްކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގައި އެމަނިކުފާންގެ މައްޗަށް ޖަލު ހުކުމް ނުދީގެން ކަން ސާބިތުވެއްޖެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސަްކަތް ކުރައްވާ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް މިރޭ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލު ވިދާޅުވީ ހައިލަމްގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެފައިވާ ކަމަށާއި ހައިލަމް ސަސްޕެންޑްކުރީ ސުލޫކީ މައްސަލައެއްގެ ބަދަލުގައި ބޭނުންވީ ގޮތަށް ހުކުން ނުދީގެން ކަމަށެވެ.
https://twitter.com/MJameelAhmed/status/1192471878394236931?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1192471878394236931&ref_url=https%3A%2F%2Fwww.addulive.com%2F167352
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަކީ ހައިލަމް ކަމަށްވާއިރު، އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. އެއާއެކު އެ ދުވަހު ބާއްވަން ހަމަޖެއްސި ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ.
ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ކަމަށް ހައިލަމް ވިދާޅުވިއެވެ.

