ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ބާޒާރު މައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި.

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ރައްޔިތުންނަށް އަސާސީ ބާވަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ސަރުކާރުގެ ސިޔާސަތަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، މާލޭގެ ބާޒާރު މަތީގައި ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފިއެވެ.

’އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2‘ ގެ ނަމުގައި މި އައު ފިހާރަ ހުޅުވީ 1 ޑިސެންބަރ 2025 ގައެވެ. މި ފިހާރަ ހުންނާނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް ހުރި އިމާރާތުގައި (މާލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) އެވެ. މި ފިޔަވަޅަކީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، ވިޔަފާރިވެރިންނަށާއި އާންމުންނަށް ވެސް ފަސޭހަކަމާއެކު މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަސާސީ ބާވަތްތަކުގެ ލިސްޓު ފުޅާކުރުން

ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށްޓަކައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު 23 ބާވަތް ވަނީ އިތުރުކުރެވިފައެވެ. މި 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފެށުނެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރަހައްދުގައި ގާއިމްކުރެވިފައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މެދުނުކެނޑި ފޯރުކޮށްދެމުން އައެވެ. މި އައު ހޯލްސޭލް ސެންޓަރާއެކު، މި އޮޕަރޭޝަން އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ފަސޭހަތައް އިތުރުވެގެންދާނެއެވެ.

އައު ހޯލްސޭލް ސެންޓަރުގެ މައިގަނޑު މަގުސަދުތައް

އައު ހޯލްސޭލް ސެންޓަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން، އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ފިހާރަ ބާޒާރު މަތީގައި ގާއިމްކުރެވިފައިވާތީ، މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މި ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް މުހިންމު މަގުސަދެކެވެ. މިއީ ޚާއްސަކޮށް ރަށްރަށުގެ ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ދަނޑުވެރިކަމަށް ލިބޭނެ ހިތްވަރު

މި ފިހާރަ ހުޅުވުމުގެ ސަބަބުން، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން، މި ހޯލްސޭލް ސެންޓަރު މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކޭނެކަމުގެ ޔަގީންކަން ލިބި، އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބި، ދިވެހި އުފެއްދުންތަކަށް ބާޒާރުގައި ޖާގަ ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މުސްތަގުބަލުގެ އަމާޒުތައް

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި އައުޓްލެޓް ހުޅުވުމާއިއެކު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އެސްޓީއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެސްޓީއޯއިން ދެމިހުރިކަން ހާމަކޮށްދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: