ރައްޔިތުން ގަބޫލު ކުރާ ގޯސްކަންކަން، ރަނގަޅުކޮށް ހަމަމަގަށް އެޅުވުމަކީ އޭރަކު ހުންނަ ވެރިއެއްގެ ޒިންމާއެއްކަމަށާއި މި ސަރުކާރުން މަސައްކަތް ކުރާ ގޮތަކީ އެއީކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޝަރީފް ވިދާޅުވީ ކަންކަން އިސްލާހުކުރުމަށް ލިބޭ ފަސް އަހަރުގެ މުއްދަތުގައި، މީގެ ކުރިން ރައްޔިތުންގެ ހައްގުގައި މާބޮޑު މަސައްކަތެއް ކުރެވޭތަން ނުފެންނަ ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ގަބޫލު ކުރެވޭ ގޯސް ކަންކަން ނުވަތަ ރައްޔިތުން ވަކިކަމެއް ބަލައިނުގަންނަ ހާލަތުގައި އެކަން އިސްލާހުކޮށް ރަނގަޅު ކުރަން ޖެހޭކަމަށް މެމްބަރު ވިދަޅުވި އެވެ.
ޖުޑިޝަރީ އިސްލާހު ނުވާކަމަށް ބުނެ، އެމްޑީޕީން މި ސަރުކާރަށް ފާޑުކިއުން އަމާޒުކުރާއިރު އިބްރާހިމް ވަނީ ކުރީ ސަރުކާރުން ވީ ވައުދުތައް ކޮބައިތޯ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެކަމަށް ބުނެ އެތައް އަހަރެއްވީ އިރު ކުރެވުނު މަސައްކަތެއް ނެތްކަމަށެވެ.
ޝަރީފް ވިދާޅުވީ، އިރެއްގައި ބަޔަކު ގޯސްކޮށް ކަމެއް ކޮށްފައި އޮތުމަކީ، ދެން އަންނަ ބަޔަކު ވެސް އެ ގޯސްކަމުގެ މަތީ ތިބެން ޖެހޭ ސަބަބެއް ނޫްކަމަށެވެ. އެހެންކަމުން ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ހިނގާނެ މަގެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއިރެއްގައި ގޯސްކޮށް އޮންނަ ކަންތައް ރައްޔިތުން ބަލައިނުގަންނަންޏާމުން ދެން ތިބި ބައެއްގެ ޒިންމާއެއް އެކަން އިސްލާހުކޮށްގެން، ރަނގަޅުކުރުމަކީ .. އަޅުގަނޑުމެން، 17 އަހަރުވަންދެން، މި ދައްކަމުންދާ ވާހަކަ، ޖޭއެސްސީ ކޮމްޕޮޒިޝަން އޮންނަ ގޮތުން އަދުލުއިންސާފުގެ ނިޒާމަށް، ނުފޫޒު ވަންނާނެކަމާ ދޭތެރޭގައި، ސަލާމަތުގެ ބުއްދިހުރި އަމިއްލައަށް ކުޑަކޮށް ވިސްނާ މީހަކަށް ވެސް، ގަބޫލުކުރޭ އެއީ ތެދެއްކަން..
އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް އަކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ޝަރީފް ވަނީ އެކި މައްސަލަތަކުގައި ތަފާތު ގޮތްގޮތަށް އަމަލު ކުރާތީ އެކަން ވެސް ފާހަގަކުރައްވާފަ އެވެ.
މި ގަރާރުގައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށް، އަދި މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް އަދި މި ނޫންވެސް ކަންކަމަށް ބަލައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 2 ވަނަ ބާބުގައިވާކަމަށެވެ. މިއީ ދައުލަތެއްގެ ވާޖިބެއްކަމަށްވެސްވެއެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިންމު މުއައްސަސާތައްކަމަށްވާ ކޯޓުތަކުން، މި ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި، ފަރުދުންގެ މެދުގައި ތަސްދުގައި ތަފާތުކުރަމުންދާކަމަށް ގަރާރުގައިވެއެވެ. ގަރާރުގައި އެ ތަންތަނަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލު ކުރަމުންދާކަން ނުހަނު ކަންބޮޑުވުމާއިއެކު ފާޅުކޮށްފައިވެއެވެ.

