އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކުރާއިރު، ނިމިދިޔަ ސަރުކާރުގައި އަތޮޅު ކައުންސިލްތަކަށް އެ ބާރުވެރިކަން ނުދިނީ ކީއްވެގެންތޯ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން ޒަރީރު ސުވާލު އުފައްދަވައިފިއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޒަރީރު ވިދާޅުވީ ގާނޫނުއަސާސީ ލިޔެވިގެން އައިއިރުވެސް އަތޮޅު ކައުންސިލްތަކަށް މާބޮޑެތި ބާރުތަކެއް ދީފައި ނުވާކަމަށެވެ. މިކަން ގަބޫލުކުރަން ޖެހޭކަމަށް ޒަރީރު ވިދާޅުވިއެވެ.
ގާނޫނުއަސާސީ އުފެދިގެން އައިއިރުވެސް އަތޮޅު ކައުންސިލްތައް އެގޮތުގައި އޮތީ ކީއްވެގެންތޯ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ އެމްޑީޕީއަަށް ވެރިކަން ކުރުމުގެ ދެ ފުރުސަތު ލިބުނު ނަމަވެސް އެބުނާ ބަދަލުތައް އަތޮޅު ކައުންސިލަށް ދީފައި ނުވާކަމަށެވެ.
އަތޮޅު ކައުންސިލްތަކަށް އެ ބާރުތައް އިދިކޮޅު ފަރާތްތަކުންވެސް ދޭން ބޭނުން ނުވާ ބައިވަރު ސަބަބުތައް ހުރި ކަމަށް މެމްބަރު ވިދާޅުވިއެވެ. 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުން ނަމަވެސް، އެ ގާނޫނަަށް ބަދަލެއް ނުގެންނަ ކަމަށާއި އެކަން ނުކުރީ ރައްޔިތުންނަށް ފައިދާއެއް ވާތީތޯ މިއަދު ދުވާލު އުފެދޭކަމަށް މެމްބަރު ވިދާޅުވި އެވެ. ނުވަތަ އަތޮޅު ކައުންސިލްތަކަށް ބާރު ނުދީ އޮތުމުން ފައިދާ އެއް ވަނީ ތޯ މެމްބަރު ސުވާލު އުފެއްދިއެވެ.
”އަޅުގަނޑަށް އެބް ގަބޫލުކުރެވޭ އެމްޑީޕީއަށްވެސް ފެނިފައި މިއޮތް ހަގީގަތަކީ ރަށު ކައުންސިލްތައް، އެ ކައުންސިލްތައް ބާރުވެރި ކުރުވުން. އެހެން މީހެއް މެދުވެރިކޮށް ސަރުކާރާއި ކޮންޓެކްޓް ކުރަންޏާ އެބަ އުންދަގޫތަކެއްވޭ“
މެމްބަރު ވިދާޅުވީ މިހާރު މިއޮތީ ކައުންސިލްތަކުން ސީދާ ކައުންސިލުން ސަރުކާރާއި ވާހަކަދައްކާ މަޝްވަރާކުރެވޭނެ ނިޒާމެއް ކަމަށެވެ. ޒަރީރު ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް ކައުންސިލްތައް އޮތީ އެލްޖީއޭގެ ބެލުމުގެ ދަށުގައި ކަމަށެވެ. ޒަރީރު ވިދާޅުވީ މިހާރު ގެނެއި އިސްލާހާއިއެކު ކައުންސިލްތަކަށް މާ ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
މެމްބަރު ވިދާޅުވީ ދައުރެއް ނިމިގެންދާއިރު އެއްވެސް ކަމެއް ނުކުރާ އަތޮޅު ކައުންސިލްތައް ވެސް ހުރި ކަމަށެވެ. އެހެންކަމުން މިއަދު ކައުންސިލްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާ ކުރުމަށް އިތުރު ތިންވަނަ ފަރާތެއް ނެތި މަސައްކަތްތައް ވަރަށް ފަސޭހަކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

