އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.
2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާގޮތުން ޕީއެސްއައިޕީގެ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރެވެނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މި ބަޔަށް ޖުމްލަ 2،659.2 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކުރެވިފައެވެ. މިއީ މުޅި ޖުމްލަ ޕީއެސްއައިޕީގެ 26.1 އިންސައްތައެވެ. މަޝްރޫއުތަކަށް ޚަރަދުކުރުމަށް ދައުލަތުން 1،382.6 މިލިއަން ރުފިޔާ، ބޭރުގެ ލޯނުން 1،259.4 މިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ދަށުން 14.6 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑުން 2.5 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރު ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެެވެނީ ރަށްރަށުގެ ބަނދަރު ހެދުމަށާއި ވައިގެ ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އަށެވެ. މިގޮތުން ދަޢުލަތުގެ އާންމު ބަޖެޓުން ޚަރަދުކޯށްގެން އެކި ރަށްތަކުގަައި އަލަށްފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ޖުމްލަ 322.8 މިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުން 100.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މާލޭ ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢު ބަޖެޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ކޮންސަލްޓަންސީ އަދި މާސްޓަރޕްލޭން ހެދުމުގެ މަސައަކަތް ވަނީ ފެށިފައެވެ.
އޭގެ އިތުރުން އޭޑީބީގެ ހިލޭ އެހީގައި ހދ.ކުޅުދުއްފުށީގައި ހިނގަމުންދާ ހާބަރ ބޮޑު ކުރުމުގެ މަޝްރޫޢުއަށް 14.6 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މި މަޝްރޫޢުގެ އިތުރުން ހިނގަމުންދާ 36 މަޝްރޫޢުއަކަށް 442.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
ވައިގެ ބަނދަރުތައް ތަރައްޤީކުރުމަށް ބަޖެޓުގައި ބޮޑު ހޭދައެއް ކުރާނެކަމަށް ވަނީ ހިމަނާފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާގައި ޤާއިމްކުރާ އެއާޕޯޓަށް 53.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އަދ މުލީގައި އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާކުރުމަށާއި މަސައްކަތް ފަށައިގަތުމަށް 1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް މުލީ އެއާޕޯޓު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގައި ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ވައިގެ ބަނދަރުތަކުގެ ތެރޭގައި މިޙާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ކަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޓާމިނަލް އަދި ރަންވޭ އެޅުމުގެ މަޝްރޫޢުއަށް ހިނގާނެ ކަމަށް ލަފާކުރެވޭ 852.9 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ހއ.ހޯރަފުށީގައި އެއާޕޯޓު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ގދ.މާވަރުލުގައި އެއާޕޯޓު ޤާއިމްކުރުމުގެ މަޝްރޫޢުއަށް 25.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.
އޭގެ އިތުރުން މި ސަރުކާރުގެ މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނޭ އަދި އިޤުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ރާވައިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ މާލެ- ތިލަފުށި ބްރިޖް މަޝްރޫޢުގެ މަސައްކަތް ފެށުމަށްތަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް 1.5.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މުޅި މި މަޝްރޫޢުއަށް ޖުމްލަ 410.6މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ރާއްޖޭގެ ރަށްތަކުގައި ދަތުރުފަތުރުގެ ނިޒާމާއި ގުޅޭ ނެޓްވާކް ޤާއިމްކުރުމުގެ މަޝްރޫޢުއަށް ދައުލަތުގެ އާންމު ބަޖެޓުން 150 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ސްޕެޝަލް ޕްލޭންގައި ހިމެނޭ މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މައި މަޝްރޫއުތަކުގެ ތެރެއިން ހިމެނޭ މަޝްރޫޢުއެކެވެ.

