އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އިންގިލާބީ އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލު ކުރެވެނީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށެވެ. އެގޮތުން އަންނަ އަހަރު ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާޝިއަރީ ހޮސްޕިޓަލު އެޅުމަށް އަންނަ އަހަރުގެ ބެޖެޓުގައި ވަނީ ހިމަނާފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާތަނަށް ނުކުރާވަރުގެ ހޭދައެއް ކުރުމަށް، އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
2020 ބަޖެޓުގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާރޝީއަރީ ހޮސްޕިތަލް އެޅުމަށް 141 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ޓާޝިަރީނ ހޮސްޕިޓަލް އެޅުމަށް ސަރުކަރުން ނިންމާފައިވަނީ ގދ. ތިނަދޫ، ރ.އުނގޫފާރު، ހދ.ކުޅުދުއްފުށި، ލ.ގަން އަދި ސ ހިތަދޫގައެވެ.
އަލައްފަށާ މަޝްރޫޢުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ދ.ކުޑަހުވަދޫ ހޮސްޕިޓަލްގެ އައު އިމާާރާތް ހިމެނިފައިވާއިރު، އެކި އެކި ރަށްތަކުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި 10.9 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
2020 ގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ވަނީ 4،108 މިލިއަން ރުފިޔާ ހިމަނާފައެވެ. އޭގެ ތެރެއިން ހޮސްޕިޓަލް ޚިދުމަތްތަކަށް 3،523.2 މިލިއަން ރުފިޔާ، އަދި އާންމު ސިއްޙީ ޚިދުމަތްތަކަށް 584.7 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.
ޕީއެސްއައިޕީގެ އިންވެސްޓްމަންޓްގެ ދަށުން ސިއްޙީ އަދި އިޖްތިމާއީ ދާއިރާގެ އިންފްރާސްޓްރަކްޗަރއަށް 651.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ފެންވަރުވަރު ރަނގަޅޫ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް 324.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ސިއްހީ ޚިދުމަތް ދޭ ތަންތަނުން ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި ރާއްޖެތެރޭގެ ސިއްހީ ޚިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން 20.0 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ. ސިއްހީ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކުގައި ދިރިއުޅޭ ރަށުން ނުވަތަ ދިރިއުޅޭ ރަށާ އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިވި އެތަކަށް ހާދިސާއެއް މި ވަނީ ތަޖުރިބާކުރެވިފައެވެ. ނުވަތަ ބޭނުންވާ ފަރުވާ ހޯދުމަށް ދިގު ދަތުރުކޮށް މާލެ އައިސް އެ ފަރުވާ ހޯދަންޖެހުމަކީ މިއަދުވެސް ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޕްރޮގެރާމްގެ ތެރެއިން ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ޑެންޓަލް ޚިދުމަތް، ފިޒިއޯތެރަޕީގެ ޚިދުމަތް، ސައިކޭޓްރިކް އަދި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ރޭވިފައިވެއެވެ.
ހަމައެހެންމެ އެމަރޖެންސީ ހާލަތްތަކުގައި ބަލިމީހާއަށް ބޭނުންވާ ފަސްޓް އެއިޑް ކެއަރ ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ނަމަވެސް ރާއްޖޭގައި މިހާތަނަށް ރޭވިފައިވާ ނިޒާމެއްގެ ތެރެއިން އެމްބިއުލޭޓޮރީ ކެއަރގެ ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެހިފަނުވެއެވެ. މިކަމަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި 2020 ވަނަ އަހަރު ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދިމާވާ އެމަރޖެންސީ ހާލަތްތަކުގައި ދެވޭ ފަރުވާ މިހާރަށްވުރެ އަވަސްކޮށް ފަސޭހަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ނެޝަނަލް އެމްބިއުލަންސް ސަރވިސްއެއް ގާއިމުކުރުމަށް 15.0 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ގުޅާނެ ކޯލްސެންޓަރއެއް ގާއިމުކޮށް އެ ތަނުގެ މުވައްޒަފުންނަށް މި ކަމާގުޅޭ ތަމްރީނުތައް ދެވިގެންދާނެއެވެ.

