މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރުމަށްފަހު، މާރުކޭޓާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހައްދަވަމުން ގެންދަވަނީ އިތުރުފުޅުތައް ކަމަށް ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެ އެވެ.
ބިޑަށް ނުލައި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ފާހާނާ ބަރީގެ އިމާރާތުގެ މައްސަލައިގައި، ވެސް ސިފާ އާއި ޝަމާއުއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ. އަދި އެ މައްސަލައިގައި އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ކައުންސިލްގެ ހިންގުމުގެ މަސައްކަތް ކުރަމުންދާ އިމާރާތައް ވަދެ ބަލާ ފާސްކޮށްފައެވެ.
ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން މިހާރު ހަދަމުން އަންނަ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސްކަމަށް ވިދާޅުވެ އެކަން ހާމަކޮށްފައިވަނީވެސް ފަޒީންއެވެ.
ނަމަވެސް މާރުކޭޓްގެ ގޮޅިތަކުގެ އަދަދު ކަނޑަނޭޅުނަސް، ގޮޅިތަކުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ބުނެ ޝަމާއު ވަނީ ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި ޝަމާއު ވިދާޅުވެފައިވަނީ މިހަފްތާ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމާށެވެ. އަދި އެ ބައްދަލުވުމުގައި ގޮޅިތައް ކަނޑައެޅުމާއި ގުޅޭގޮތުން ވަކި ގޮތަކަށް ނިންމޭނެ ކަމަށެވެ.
https://twitter.com/fazeen2457/status/1193174879660470272
ހަބަރު ރީޓްވީޓު ކުރައްވާ ފަޒީން ވިދާޅުވީ ތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު މިހާތަނަށް ކައުންސިލަށް ކަނޑައެޅިފައިނުވާ ކަމަށް ޝަމާއު ވިދާޅުވުމަކީ ”ކަނޑައެޅިގެން އިތުރުފުޅެއް“ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަމުގައި ހުންނެވި ފަޒީން ވަނީ، ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން ބައިވެރިވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ”ފޮރުވާލުމަށް“ ލިޔެކިތުންތަކަށް ބަދަލުތަކެއް ގެންނަ ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ. އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވެސް ވަނީ، ޕާކްގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށް ވިދާޅުވެ ނޫސްވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.
ފަޒީން އާއި ޒަމީރު ވަނީ ސިފާ އާއި ޝަމާއު ޝާމިލުވެގެން މީގެ ކުރިންވެސް ކޮރަޕްޝަނަށް މަގުފައިވާ އަމަލުތައް ހިންގާ، އެކަން މީޑިއާތަކާއި ހަމައަށް ގޮސްދާނެތީ އެކަމުގެ ލިޔެކިޔުންތައް ވެސް ”ގެއްލުވާލާފައި“ ކަމަށެވެ. ކައުންސިލްގެ މެމްބަރުންނަށް އެކަމުގެ މައުލޫމާތު ލިބިގެން، ހިތް ހަމަނުޖެހުން ފާޅުކުރުމުން ސިފާ އެކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް ވެސް ފަޒީން ވަނީ ވިދާޅުވެފައެވެ. ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިދާރީ ލިޔެކިތުންތަކަށް ބަދަލުތައް ގެނައުމަކީ މާ އުނދަގޫ ކަމެއް ނޫންކަން ފާހަގަކުރައްވާ ފަޒީން ވިދާޅުވީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތީން ލިޔެކިޔުންތަކަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ފަޒީން ވަނީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ވެސް ބަންދުކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. މި މައްސަލައާއި ގުޅުވާ ފަޒީން ކުރައްވާފައިވާ ޓްވީޓުތަކެއްގައި ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގައި ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގެ 73 ވަނަ ޖަލްސާއެއް ބާއްވާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ގޮޅިތަކާއި މެދު ގޮތެއް ނިންމި ކަމަށެެވެ.
https://twitter.com/fazeen2457/status/1193170114230640640
ފަޒީން ވަނީ، މާރުކޭޓު ގޮޅީގެ އަދަދު ކަނޑަނޭޅޭކަމަށް ޝަމާއު ވިދާޅުވި ވާހަކައަކީ ”ކަނޑައެޅިގެން ދޮގެއް“ ކަން ސާބިތު ކުރުމަށްޓަކާ އޯޑިއޯއެއް ވެސް އާއްމު ކުރައްވާފައެވެ. ައަދި އެ އޯޑިއޯ އާއި އެކު އޭނާ ވަނީ ބައްދަލުވުމުގެ ޔައުމިއްޔާގެ ލިޔެކިއުމެއް ވެސް އާއްމު ކުރައްވާފައެވެ.
ފަޒީން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާގައި އެ ކައުންސިލުން މާރުކޭޓްގެ ގޮޅިތަކުގެ އަދަދާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވެ އެ ބައްދަލްވުމުގެ އޯޑިއޯވެސް އާންމު ކޮށްފައެވެ. އަދި އެ ބައްްދަލްވުމުގައި ކަން ހިނގާ ދިޔަގޮތް ބަޔާންކޮށް ލިޔުމެއްވެސް ވަނީ ހިއްސާކޮށްފައެވެ.
ފަޒީން ވިދާޅުވީ މާރުކޭޓްގެ ގޮޅިތަކުގެ އަދަދާއި ގުޅޭގޮތުން ކަމާބެހޭ ކޮމެޓީން ހުށައެޅި ކުރެހުމުގައި 8 ފޫޓް، 6 ފޫޓްގެ 117 ގޮޅިއާ ވަގުތީ 11 ގޮޅިއާއެކު 128 ގޮޅި ހިމެނޭ ކުރެހުމެއް މޭޔަރަށް ފޮނުވާފައިވާ ކަމަށެެވެ. އެހެން އެންމެ ފަހުން ބޭއްވި ޖަލްސާފައި، ހުށަހެޅި ކުރެހުމުގެ ބަދަލުގައި މާ ކުދި އަދި އެތެރޭގައިވާ ހުރަސް މަގުގެ ބަދަލުގައި ޕޭމަންޓް ބޭނުންކުރާ ގޮތަށް ކުރަހާފައިވާ 193 ގޮޅި ހިމެނޭ ކުރެހުމެއް ހުށައެޅި ކަމަށެވެ. އަދި ބައެއް ކައުންސިލަރުންގެެ ކަންބޮޑުވުންތަކާއެެކު އެތައް ބަހަނާއެއް ދެއްކުމަށްފަހު ކޮމެޓީން ހުށައެޅި ކުރެހުންވެސް ފަހުން ގެނެސް، ދެ ކުރެހުމަށް ވޯޓަށް އެހުމުން ފާސްވީ ކޮމެޓީން ނިންމި 128 ގޮޅީގެ ކުރެހުން ކަމަށް ފަޒީން ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ މޭޔަރު، ކައުންސިލްއިން ނިންމަންޖެހޭ މިފަދަ ނިންމުތަކުގައި ދުވަހަކުވެސް ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފަޒީންގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. މޭޔަރު ސިފާގެ އަމަލުތައް ހުރިގޮތުން އޭގެ ގެއްލުންތައް ލިބެނީވެސް ދިވެހި ދައުލަތަށް ކަމަށް އެ ޓްވީޓުގައި ފަޒީން ވަނީ ވިދާޅުވެފައެވެ.
ގޮޅިތައް ކުއްޔަށް ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު 128 ގޮޅިން ދައުލަތަށް ލިބޭ މަހު ފީ އާއި ކުނީގެ ފައިސާ ނުލިބި ގެއްލި މިހާ މުހިންމު ޚިދުމަތެއް ހުއްޓުވާފައި ބޭއްވުމުން ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ހޯދަން އަންނަ ފަރާތުގެ ރުޅިވެރިކަމާއި ނަފްރަތު ސަރުކާރަށް އަމާޒުވެފައިވާ ކަމަށް ފަޒީން ވިދާޅުވިއެވެ.
ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް މަރާމާތަށްފަހު ހުޅުވުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ދީފައިވާ މުއްދަތުގެ ތެރޭގައި ތަން ނިންމާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ދާދި ފަހުން ފެންމަތިވީ ބިޑަށް ނުލައި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ފާހާނާ ބަރީގެ މައްސަލައިގައި ވާހަކަ ދައްކަވާފައި ވަނީ ސިފާ އެކަންޏެވެ. މާލިއްޔަތު ގަވާއިދު ބުނާގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.
https://twitter.com/fazeen2457/status/1193415933357780993
ފަޒީން ވިދާޅުވާ ގޮތުގައި، އެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވި އެވެ. އަދި މި ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޝިފާއާ ހަވާލާ ދެއްވައި ފަޒީން ވިދާޅުވި އެވެ. ކައުންސިލް މެމްބަރުންނަށް އެންގުމެއް ނެތި، ގަވައިދާ ހިލާފަށް ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން، މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ލިޔެކިޔުމަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކައުންސިލްގެ ވެރިން ކުރަމުން ދާ ކަމަށް ރޭ އޭނާ ތުހުމަތު ކުރި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މޭޔަރު ޝިފާ ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސިޓީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު، ފެށުނީންސުރެ މަސައްކަތް ކުރައްވާ ކަމަށެވެ.

