ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޫނުވި ބައްދަލުވުން އަލުން ކުރިޔަށް ގެންގޮސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުން ހޯމަ ދުވަހު!

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން، އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް ޗެއާޕާސަންކަމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަގާމާއި ވަގުތީ ގޮތުން ހަވާލުވާނެ ބޭފުޅަކު އިންތިހާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގައި އަދިވެސް އޮތް ހިޔާލުތަފާތުވުންތަކާއި، ދެބަސްވުންތަކުގެ ސަބަބުން މިދިޔަ ހަފްތާގައި އޮތް ގައުމީ މަޖިލިސް ކުރިޔަށް ނުގެންދެވި ނިންމާލީ ބައްދަލުވުން ހޫނުވުމުންނެވެ. ވަގުތީ ޗެއާޕާސަންކަމަށް ނަން ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވަހީދަށް 47 ވޯޓު ލިބުނު ނަމަވެސް ބޭނުންވާ ވަރަށްވުރެ އެއް ވޯޓު މަދުވާކަމަށް ބުނެ މައްސަލަ ގޯސްވީ އެވެ. އެހެން ނަމަވެސް އޭރު ރިޔާސަތުގައި ހުންނެވި، ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ވަގުތީ ޗެއާޕާސަނަކަށް ވަހީދު ހޮވުނުކަމަށް އިއުލާނުކޮށްފަ އެވެ.

ގައުމީ މަޖިލިސް އެރޭ ހޫނުވީ، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ގެ ނަން ވަގުތީ ޗެއާޕާސަންކަމަށް ހުށަހެޅުމުން، އެއީ ގައުމީ މަޖިލިސް މެމްބަރަކަށް ނުވާތީ ވޯޓަށް ނޭހޭނެކަމަށް ބުނެ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.

ވަގުތީ ޗެއާޕާސަންކަމަށް ވަހީދުގެ ނަން ހުށަހެޅީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަދި އަސްލަމްގެ ނަން ހުށަހަޅަން މަސައްކަތް ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އެ މައްސަލައިގައި ވަހީދު ނަން އަނބުރާ ގެންގޮސް ވިދާޅުވީ ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފަރާތުން ފަރާތުން ހުރަސްތައް ކުރަމަތިވަމުންދާކަމަށެވެ.

އޭގެ ފަހުން ވަގުތީ ޗެއާޕާސަންކަމަށް ޝައުގުވެރިކަން ފާޅުކުރީ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ. އެހެންވެ، ގަޕޯގެ ނަމަށް ވޯޓަށް އެހުމާއި ގުޅޭ ވޯޓު ކުރިޔަށް ގެންދާނީ މިދިޔަ އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ ޖަލްސާގެ ބައެއްގެ ގޮތުގަ އެވެ.

ވަގުތީ މަގާމަށް ގައުމީ މަޖިލީހުން ބޭފުޅަކު ހޮވައި، ޗެއާޕަސަނަކު އިންތިހާބު ކުރުމަށް އާންމު މެމްބަރުންގެ މެދުގައި އިންތިހާބު ބޭއްވުމާއި ގުޅޭގޮތުން ޕާޓީން އަދި މިހާތަނަށް އިއުލާނުކޮށްފައި ނުވެއެވެ. އެ މަގާމަށް ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. މީކާއިލް ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ޕާޓީގެ ތެރެއިން ޒުވާނުންނަށް ފުރުސަތު ލިބެން ޖެހޭކަމަށް ބުނެ ބައެއް ފަރާތްތަކުން މީކާއިލް އެ މަގާމަށް ގެނައުމަށް ގޮވާލާފައި ވަނިކޮށެވެ.

ޗެއާޕާސަންކަމަށް ޝައުގުވެރިވާކަމަށް ބެލެވޭ، އެހެން ބައެއް ބޭފުޅުންގެ ނަންތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: