ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ވަންހަނާކޮށް ހުރެ އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޖުޑީޝިއަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމުން ނެރުއްވި ބަޔާނުގައެވެ.
ހައިލަމްގެ ވާހަކަތަކާއި ގުޅިގެން ފާއިޒް ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ ދެ މަގެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެއީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ނުވަތަ އެ މައްސަަލައަކުން ތަނާޒުލުވުން ކަމަށެވެ. މަދުން ނަމަވެސް މި ދެ ގޮތަށް ވެސް އަމަލު ކޮށްފައި ވާކަން ފާހަގަކުރައްވާ ފާއިޒް ވިދާޅުވީ، ނޫފުޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައި ވާނަމަ ތަނާޒުލުވުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.
ފާއިޒް ވިދާޅުނީ ނުފޫޒެއް އަންނަކަން އެނގިހުރެ އެކަން ފޮރުވާ ވަންހަނާކޮށް އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށެވެ. އަދި އެއީ އެނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއްގެ ގޮތުގައި ފާއިޒް ވަނީ ސިފަ ކުރައްވާފައެވެ.
ފާއިޒް ވިދާޅުވީ ”ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާއުއެއް ގޮތުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަތަކަށް.“ ކަމަށެވެ.
ހައިލަމް އާއްމު ކުރެއްވި 3 ސޮފުހާގެ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައިގެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ. އަދި އެއީ ކިތަންމެ މަތީ މަގާމެއް ފުރުއްވާ ބޭފުޅެއްްވިޔަސް އެ މީހަކަށް ވެސް އެ މައުލޫމާތެއް ދޭކަށް ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން، އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ މަނީލޯންޑަރިންއާއި ގުޅިގެންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 6 ނޮވެމްބަރު 2019 ވަނަ ދުވަހު ޖޭއެސްސީން ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ނިންމާފައިވާއިރު، އެ މައްސަލަ އަކީވެސް އޭނާއަށް ގުޅައިގެން އަދި މެސެޖްކޮށްގެން ވާހަކަ ދެއްވި މީހުން ދީފައޮތް އިންޒާރާއި ސީދާ ގުޅުންހުރި ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ. ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ދުވާތީވެ ހައިލަމް ވަނީ ޖޭއެސްސީއާއި ސުވާލުތަކެއް ކޮށްފައެވެ.

