ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރަމުން ދާކަމަށް، ޓޫރިޒަމް އެންޑް އެންވައިރޮންމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، މިކަމަށްޓަކައި އެކުލަވާލާފައިވާ ސްޓްރެޓެޖީތަކާއި ބެހޭ ގޮތުން ވެސް ތޯރިގް ވަނީ ވާހަކަ ދައްކަވާފަ އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި، ރާއްޖެއިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގެއްލުމާއި ނުރައްކަލުގެ ވާހަކަ ދައްކައި، ރާއްޖެ ފަދަ ގައުމުތަކުން އިސްކަންދޭ ކަންކަމާއި، ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ދަނީ ވަކާލާތުކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ވެސް މި ކަންކަން ހިމެނުމަށް މަސައްކަތްކުރާނެކަމަށް ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ހުށަހަޅަންޖެހޭ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން މި އަހަރުގެ ފެބްރުވަރީ 27 ގައި ހުށަހަޅާފައިވާ ކަމަށެވެ. މިފަދަ އެކްޝަން ޕްލޭނެއް ހުށަހެޅި ފުރަތަމަ 17 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ޕްލޭން ހުށަހެޅި ހަތަރު ވަނަ ގައުމަކީ ރާއްޖެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްލޭންގައި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ނޭދެވޭ އަސަރުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، ދަނޑުވެރިކަމާއި ހަކަތައާއި ކާބޯތަކެއްޗާއި ފެނުގެ ޔަގީންކަމާއި، ބިނާރާގެ ވިލުންތެރިކަމާއި، ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ފިޔަވަޅު އެޅުމާއި، އާންމު ސިއްހަތާއި، ފަރުތަކާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުތައް ހަރުދަނާކުރުމާއި، ދުރާލާ އިންޒާރުދޭ ނިޒާމާއި މޫސުމަށް އަންނަ ބަދަލު މޮނިޓަރކުރުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެނޭޖްކުރުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުން ފަދަ މުހިންމު ދާއިރާތަކުން ސިޔާސަތުތައް ހިމަނާފައި ވެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކާއި ގުޅޭގޮތުން ތޯރިގް ވިދާޅުވީ މިއީ ހަމައެކަނި ވަކި ގައުމަކަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ނޫން ކަމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކޮށްގެން ނޫނީ މި މައްސަލަތަކަށް އެދެވޭ އަދި ދެމެހެއްޓެނެވި ހައްލުތަކެއް ނުލިބޭނެ ކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމުން، ހައްލުތަކެއް ހޯދުމަށް މުޅި ދުނިޔޭގެ އެއްބާރުލުން ބޭނުންވެއެވެ.
ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑުތައް ހަރުދަނާކުރުމަށް ނުހަނު ގާތުން މަސައްކަތްކުރަމުންކަމަށް މިނިސްޓަރ ވިދާޅުވީ އެވެ. އަދި ވަކިން ހާއްސަކޮށް، ރާއްޖޭ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި، އެ ގައުމުތަކަށް ބޭނުންވާނޭ އެހީތަކަށް އަލިއަޅުވާ، ބައިނަލްއަގްވާމީ މަންސަތަކުގައި ވަކާލާތުކުރުމަށް ރާއްޖެއިން އިސްކަމެއް ދީފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި، މިފަދައިން ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފުރިހަމަކަމާއެކު ދަނީ ފެންނަމުންނެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާއިން ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެއަކީ ނުހަނު ބަސް ވިކޭ ގައުމެއްކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ.

