”އުދުހިލަން“ ޤައުމީ ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.
މި ހަވީރު ބާއްވާފައިވަނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރުގައެވެ. އުދުހިލަން ޤައުމީ ކެމްޕެއިނަކީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ އުފާވެރި، ރައްކާތެރި މުޖުތަމަޢުއެއް ކުޑަކުދިންނަށް ހޯދައިދީ، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑު އުފުލާ ޖީލެއް ބިނާކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން މިއަހަރުގެ ސެޕްޓެމްބަރު މަހު އިފްތިތާޚު ކުރި ކެމްޕެއިނެކެވެ.
މި ކެމްޕެއިންގެ ދަށުން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގނަ އަދަދެއްގެ ކުދަކުދިން ބައިވެރިވެފައިވާއިރު، ބައެއް ކުދިން ވަނީ ހަރަކާތާއި ގުޅޭގޮތުން އެކުދިންގެ ޝުޢޫރުވެސް ފާޅުކޮށްފައެވެ.
”އުދުހިލަން“ ގައުމީ ކެމްޕެއިންގެ އަމާޒަކީ، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން މިފަދަ މައްސަލަތައް މަދުކޮށް ހުއްޓުވުމަށް ނިކުތުން ކަމަށާއި، އަދި ކުރިމަގުގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑު އުފުލާ ޖީލެއް ބިނާކުރުން ކަމަށް ކެމްޕެއިން ކުރިއަށްގެންދާ ފަރާތްތަކުން ވިދާޅުވެއެވެ.

