ވިސްނުންތެރިކަމާއި އެކު ތައްޔާރު ނުވެ ތިބިއްޔާ 2022ގެ ބަޖެޓަށް ގޮންޖެހުން ދިމާވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ބަޖެޓާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
2021 ވަނަ އަހަރަށް ހުށަހަޅާނީވެސް ބޮޑު ބަޖެޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭގައި މި ސަރުކާރުން ވައުދުވީ ބޮޑެތި މަޝްރޫޢުތައް ފެށުން ކަމަށެވެ.
ރައީސް ސޯލިހް ވަނީ ސިޔާސީ މަންފާއެއް ހޯދަން ތަރައްޤީގެ މަޝްރޫޢުއެއް ނުހިންގަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“ ވިސްނުންތެރިކަމާއި އެކު ތައްޔާރު ނުވެ ތިބިއްޔާ 2022ގެ ބަޖެޓަށް ގޮންޖެހުން ދިމާވުމަކީ ކުރިމަތިވެދާނެ ކަމެއް. އެއީ ކުރި ސަރުކާރުންބޮޑު އަގުގައި ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަން ޖެހޭތީ“ ރައީސް ސޯލިހް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ މި ސަރުކާރު ވެރިކަމަށް ގެނައި ސަބަބު އަބަދުވެސް ހަނދާން ބަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އެއްވެސް ފަރާތެއްގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވފައެވެ.
“ ރައްޔިތުން މި ސަރުކާރު އިންތިޚާބު ކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަން ވާނެ. އަދި ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލައިގެން ނުވާނެ. ނަމަވެސް މި ސަރުކާރުން ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށްގެން ނުވާނެ“، ރައީސް ވިދާޅުވިއެވެ.

