ނިމިދިޔަ އަހަރާއި އަޅާބަލާއިރު އެންމެ ބޮޑަށް މި އަހަރުގެ ތެރޭގައި އަގު އުފުލިގެންދިޔަ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ކޮފީ ހިމެނޭކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން މި މަހުގެ ތެރޭގައި އާންމުކޮށްފައިވާ ރާއްޖޭގެ ބާޒާރުގައި ހުރި މުދަލުގެ މައުލޫމާތުގައިވާގޮތުން އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ ތެރޭގައި ޖުމުލަކޮށް ތަކެތީގެ އަގު ދަށްވެފައިވާކަން ފެނިގެންދާކަމަށެވެ. މިގޮތުން ރާއްޖޭގެ އިންފްލޭޝަން މި މުއްދަތުގައި 0.69 އިންސައްތައިން ދަށްވެފައިވާއިރު ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 0.73 އިންސައްތައިން އިތުރުވެފައިވާކަން ފެނިގެންދާކަން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ ބާޒާރުގައި ވިއްކާ ކާނާގެ އަގު މި އަހަރުގެ އޮކްޓޫބަރު މަހަށްވުރެ ނޮވެމްބަރު މަހުގެ ތެރޭގައި 1.11 އިންސައްތައިން ދަށްވެފައިވާއިރު ފާހަގަކުރޭ މިންވަރަކަށް ދަށްވެފައިވާ މުދަލުގެ ބާވަތްތަކުގެ ތެރޭގައި މޭވާ ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ބާވަތުގެ މުދަލުގެ އަގު 4.50 އިންސައްތައިން ދަށްވެފައިވާއިރު ހަކުރުގެ އަގު އުފުލިގެންދިޔަކަން ހިއްސާކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 0.16 އިންސައްތައިން އަގުތައް އުފުލިގެންދިޔަކަން ފެނިގެންދާކަމަށެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ މި މުއްދަތުގެ ތެރޭގައި ތަރުކާރީގެ އަގުތައް 5.10 އިންސައްތައިން ދަށްވިކަންވެސް ފާހަގަކޮށްފައެވެ.
ނިމިދިޔަ އަހަރާއި އަޅާބަލާއިރު އެންމެ ފާހަގަކުރެވޭ މިންވަރަކަށް އަގު އުފުލިފައިވާ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ކޮފީ ހިމެނޭއިރު މިއީ 8.07 އިންސައްތައިގެ އިތުރުވުމެއްކަމަށާއި މި އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ ތެރޭގައި ހަކަތައިގެ ގޮތުގައި ކަނޑައެޅިފައިވާ ބާވަތްތަކުގެ އަގަށް ފާހަގަކުރެވޭ ބަދަލުތަކެއް އައިސްފައިނުވާކަމަށް ބުނެފައިވެއެވެ.

