އެކަށީގެންވާ ގޮތެއްގައި ލިޔެކިއުންތައް ބަލަހައްޓާފައިނުވުމުން 2024 ވަނަ އަހަރުގެ ތެރޭގައި ދ މީދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރުނުވާކަން އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނަރަލް އާންމުކޮށްފައިވާ ދ. މީދޫގެ ކައުންސިލުގެ އިދާރާގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި މާލީ ކަންކަން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތައް ވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެ އަހަރުގެ ތެރޭގައި މާލީ ބަޔާންތައް އޮޑިޓުކުރުމަށްޓަކައި ހުށައަޅާފައިނުވާކަން ހާމަކޮށްފައިވާއިރު މިއީ މާލިއްޔާތު ގާނޫނު މެދުވެރިކޮށް ކޮންމެ އަހަރެއްވެސް ނިމޭ ހިސާބުން ތިން މަސް ދުވަސްވުމުގެ ކުރިން ހުަށައަޅަންޖެހޭ މައުލޫމާތުކަންވެސް ފާހަގަކޮށްފައިވެއެވެ.
ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ބެންކު އެކައުންޓެއްގެ ބާކީ ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކޮށްފައިނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު މިކަމުގެ ސަބަބުން ފޮތްތަކުގައި ހުރި އަދަދާއި ރިކޮންސިލިއޭޝަން ސްޓޭޓްމެންޓުގައިހުރި އަދަދުތަކާއި ދިމާވާކަން ކަށަވަރުނުވާކަމަށް ބުނެފައިވެއެވެ. 2024 ވަނަ އަހަރު ނިމުނުއިރު އެކައުންޓުތަކުގައި 8 މިލިއަނަށްވުރެ އިތުރު އަދަދެއް ހުރިކަންވެސް ހިއްސާކޮށްފައިވެއެވެ.
އެ އަހަރު ނިމޭއިރު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ އަދަދުވެސް ކަށަވަރު ނުކުރެވޭ މައްސަލަ އޮޑިޓުން ހާމަވެފައިވެއެވެ. މިގޮތުން ކައުންސިލުން އެކަމުގެ ރެކޯޑުތައް ބަލަހައްޓާފައިނުވާ މައްސަލައިގެ އިތުރުން ފައިސާ ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާކަން ފެންނަން ނެތް މައްސަލައަށްވެސް ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާ ޕަބްލިކް ބެންކު އެކައުންޓަަށް ޖަމާނުކުރާކަން ވެސް ހިއްސާކޮށްފައިވެއެވެ. މިގޮތުން ޖަމާނުކޮށް ހުރި 143،025 ރުފިޔާ ހުރިކަމަށްވެސް އޮޑިޓުން ބުނާއިރު މީގެ ތެރޭގައި އައިޑީ ކާޑު އައުކުރުން ފަދަ ހިދުމަތްތަކަށް ދައްކާފައިވާ ފައިސާވެސް ހިމެނެއެވެ. މިގޮތުން ބަލައިގަތް ބައެއް ފައިސާއަށް ރަސީދު ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

