ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށް، އިތުރު ތަންތަން ފާސްކުރަނީ

ސެލޫންއާއި ސްޕާތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ކުރިޔަށް ގެންދިޔަ ރެއިޑުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ދެނެގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 11 ތަނެއް ބަންދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރެވުނު ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި، ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕްރޮގްރާމެއް ފަށައި، މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި، އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ސަރަހައްދުތަކާއި، ވިޔަފާރިތައް ދެނެގަތުމަށް ހާއްސަ ގައުމީ ޕްރޮގްރާމެއް ފެށިކަން އިއުލާނުކޮށްފަ އެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށް މިނިސްޓްރީން އިއުލާނު ކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެއީ މިނިސްޓްރީގެ ވެބްސައިޓް އަދި، އިމިގްރޭޝަން ވޮޗްއާއި ހޮޓްލައިން މެދުވެރިކޮށެވެ.

މި މަސައްކަތާއި ގުޅޭގޮތުން މިނިސްޓްރީން އާންމު ކުރި މައުލޫމާތުގައި ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތަކާއި ގުޅޭގޮތުން މިހާތަނަށް 125 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަމަށެވެ. އަދި 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓަކާއި ދެ ގަރާޖަކާއި ގެސްޓްހައުސްއެއް އެ ރިޕޯޓުތަކާއި ގުޅިގެން ފާސްކުރި ކަމަށެވެ.

މި ތަންތަން ބަލައި ފާސްކުރުމަށް ފަހު 11 ތަނެއް މިހާރު ބަންދުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ވިޔަފާރިތައް ބަންދުކުރުމަށް ނޯޓިސްދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެ އެވެ.

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ކުރިޔަށް ގެންދާ މަސައްކަތުގައި ހިމެނެނީ، މިނިސްޓްރީއާއި އިމިގްރޭޝަން އަދި އެހެން ބައެއް މުވައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކް ފޯސްއިންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި، ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ހިންގާ ވިޔަފާރިތައް ވެސް ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ މައުލޫމާތުތައް، އިކޮނޮމިކް މިނިސްޓްރީގެ 3333199 ނަމްބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަން ރިޕޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: