ޕާކިންގ ބިލްޑިންގތައް އެޅުމުގެ އަމަލީ މަސައްކަތް ބަޔަކާއި ހަވާލުކުރެވިގެން ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނަވާޒް ޝަރީފް ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އަދުގެ ސަރުކާރުން ވަރަށް ބޮޑު ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެ ފަހި ޕްރޮގްރާމަކީ އެގޮތުން ހަމަ ފާހަގަކޮށްލެވޭ އިނީޝިއަލް ޕްރޮޖެކްޓުކަމަށް ނަވާޒް ފާހަގަކުރެއްވިއެވެ.
އޭގެތެރެއިން ކޮމްޕޯނެންޓްތަކެއް އަބަދުވެސް އަންނަމުންދާ ކަމަށް ނަވާޒް ވިދާޅުވިއެވެ. ނަވާޒް ވިދާޅުވީ އަލަށް މާލޭގައި ޕާކިންގއަށް ހާއްސަކުރެވިގެން ބިލްޑިންގ ތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެއީ މީގެކުރިން ދެއްކި ވާހަކައެއް ނޫން ކަމަށާއި، އަބަދުވެސް ފެންނަނީ ތޮއް ޖެހުމުން ވަގުތީ ޕާކިންގ ތަކެއް ހަދާ ތަންކަމަށް ނަވާޒް ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ އަމާޒަކީ މައްސަލަތަކަށް، ވަގުތީ ހައްލަކަށްވުރެ ބޮޑަށް ދާއިމީ ހައްލުތަކެއް ގެނެސްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕާކީންގ ބިލްޑިންގތައް އެކި އޭރިޔާތަކުގައި ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރިއަށް ދާކަމަށް ފާހަގަކުރެއްވިއެވެ.
ނަވާޒް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރު އެކަމުންވެސް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. ނަވާޒް ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ފެއްޓުމަށް އެކަން ބަޔަކާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ.
މި މަސައްކަތާއި ގުޅިގެން މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެފައި ވެއެވެ. މިނިސްޓަރ އެކަން ހާމަކުރެއްވީ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދަށް ވެހިކަލްތައް އާދަޔާ ހިލާފަށް ގިނަވުމުގެ އަސްލަކީ، އާންމު މާކެޓާއި ކަޅު ބާޒާރުވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި އަހަރެއްގެ މައްޗަށް ހިންގާ ވެހިކަލް ގަތުމާއި ވިއްކުމުގެ މުއާމަލާތްތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގައި ކަމެވެ.
މީގެއިތުރުން، މީގެ ކުރިން ހުރި ބައެއް އުސޫލުތައް އުވާލުމާއި، އެޗްޑީސީން ވެހިކަލް ރެޖިސްޓްރީ ކުރުމުގެ އިތުރުން، އެޑްރެސްތަކުގައި ގަރާޖު ހުރިކަމަށް ބުނެ ގާނޫނާ ހިލާފަށް ޓެކްސީތައް ރެޖިސްޓްރީ ކުރުމުގެ ގޯސްތައް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ގޯސްތައް ހިންގާފައިވަނީ މިނިސްޓްރީ އަދި ސިޓީ ކައުންސިލުގެ ތެރެއިން ގުޅިގެންނެވެ.
މިފަދަ ގޯސްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ ސަރަހައްދަށް ޖަމާވިއިރު، މި ސަރުކާރުން ވަނީ އެތަކެތި ނަގައި ހުޅުމާލޭގެ ބިންތަކަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.

