ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށްގެންދަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މަނީ ލޯންޑްރިން ކުށުގެ ދައުވާގެ ޝަރީޢަތް އެއް ގާޟީއަކު ބެލުމުގެ ބަދަލުގައި ގާޟީންގެ ބެންޗަކުން ބަލައި ދިނުމަށް ޔާމީންގެ ފަރާތުން މައްސަލައިގެ އިބްތިދާއީ މަރުހަލާފައި އެދިފައި ވާނެކަމަށާއި އަދި މިހާރު ވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭކަމަށް ބުނެ ޔަމީންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓުތަކުގެ ޤާނޫނުން ލިބޭ އިހްތިޔާރުގެ ދަށުން ޔާމީންގެ މައްސަލަ ބަލައި ނިޔާ ކަނޑައެޅުމަށްޓަކައި ބެންޗެއް އެކުލަވާލާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ. އޭގެ ތެރެއިން ގާޒީ އަލީ ރަޝީދަކީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ އެ މައްސަލަ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެކަންޏެވެ. ރާއްޖޭގެ މީޑިއާތަކުން ފުރަތަމަ ފަހަރަށް ލައިވް ކޮށްގެން ދެއްކި އެ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ބާއްވައި، މި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހަށް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރި އެވެ.
އެހެން ނަމަވެސް، ނޮވެމްބަރު 1988، ނޮވެމްބަރު 3 ގެ ތަހުނިޔާ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ލެއްވި ފޮޓޯއެއްގެ މައްސަލަ ހޫނުވެ އޭގެ ޖެހިގެން އައި ދުވަހު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިލަމް ސަސްޕެންޑު ކުރިއެވެ. އިސް ގާޒީ ކަމުގައި ހުންނެވި ހައިލަމް ސަސްޕެންޑުކޮށްފައިވަނީ 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން ވަނީ ގާޒީ އަލީ ރަޝީދާ ހަވާލު ކޮށްފަ އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާއަށް ހައިލަމް ފޮނުއްވި މެސެޖުގައި ހިމެނޭ ކުރުހެމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު އަޅުވައިގެން ގެންދާ މަންޒަރެވެ.
އިންސާފުވެރި ޝަރީއަތަކަށް އެދި ފުރަތަމަ ވެސް އެ މައްސަލައިގެ ޝަރީއަތް ފެށިއިރު ވެސް ބެންޗަކުން މައްސަލަ ކުރިއަށް ގެންދިޔުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ އެކަނި މައްސަލަ ބެއްލެވުމަށެވެ. ބެންޗަކުން މައްސަލަ ބެލުމަކީ މަތީ ކޯޓުތަކުގެ ހާއްސަ ކަމެއް ކަމަށް ގާޒީ ހައިލަމް އޭރު ވިދާޅުވި އެވެ.
ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން މައްސަލައެއްގެ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ މައްސަލައެއް ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީ އެވެ. ކުރިމިނަލް ކޯޓުގައި މައްސަލަތައް ގާޒީންނާ ހަވާލު ކުރުމުގެ ބާރު ވެސް އޮންނާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީއަށެވެ.
ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ގޮތަށް އެ މައްސަލަ ބެއްލެވުމަށް ބެންޗެއް އެކުލަވާލިއިރު، އާންމު ގޮތެއްގައި ވެސް ކުރިމިނަލް ކޯޓުގައި މައްސަލަތައް ބެންޗަކުން ނުބަލަ އެވެ.
އެންމެފަހުން ވެސް ބެންޗަކުން ބެލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި ވެސް ފަހުން ބެންޗު އުވާލި އެވެ. ރައީސް ނަޝީދުގެ މައްސަލަ ވެސް އޭރު ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

