ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓަށް އޭއައި ބޮޓު ”މިތުރު“ އަދި އިތުރު އެކްސެސިބިލިޓީ ފީޗާސްތަކެއް ތައާރަފުކޮށްފިއެވެ.
3 ޑިސެމްބަރު 2025 ވަނަ ދުވަހު، ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް، އެޗްޑިސީން ވަޒީފާ ދިނުމަށް ބޭއްވުނު ރަސްމިއްޔާތުގައި، އޭއައި އަދި އެކްސަސިބިލިޓީ ފީޗާސްތައް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން، މިކަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިނިސްޓަރ އޮފް ސޯޝަލް އެންޑު ފެމިލީ ޑިވެލޮޕްމަންޓު ޑރ. އާއިޝަތު ޝިހާމްއެވެ.
އެޗްޑީސީގެ ވެބްސައިޓަށް އަލަށް ތައާރަފުކުރެވުނު ފީޗާރ ތަކަކީ، ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެ ކުންފުނީގެ ވެބްސައިޓް ބޭނުން ކުރަން ފަސޭހަކޮށްދިނުމަށްޓަކައި ތައާރަފުކުރެވުނު ފީޗާސްތަކެއް ކަމަށް އެޗްޑީސީން ބުނިއެވެ. އަދި، އެ ވެބްސައިޓަށް އިތުރުކުރި ފަންކްޝަސްގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ވާނެހެން، އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމު ބަދަލުކުރުމުގެ އިތުރު ސްކްރީން ރީޑަރ ފަންޝަންސް ހިމެނޭއެވެ.
ހަމައެއާއިއެކު، ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް، އެޗްޑީސީގެ ވެބްސައިޓުގައި އެކުލެވޭ މައުލޫމާތުތައް ކިޔާލުމަށް ފަސޭހަކުރުމުގެ ގޮތުން، ”ޑިސްލެކްސިޔާ ފްރެންޑްލީ“ ފޮންޓުވެސް، އަލަށް ތައާރަފު ކުރެވުނު ފީޗާރތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، މިއީ އެޗްޑީސީން އާންމުކޮށް، ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެބްސައިޓުގެ މައުލޫމާތުތައް ފަސޭހާކަމާއިއެކު ލިބޭނެ މަގުފަހިކުރުމަށްޓަކައި، އެ ކުންފުނިން ކުރި މުހިއްމު މަސައްކަތެއް ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ކުންފުނީގެ ވެބްސައިޓަށް ގެނެވުނު ބަދަލުތަކާއިއެކު، އެ ކުންފުނީގެ ވެބްސައިޓުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެކަމަށާއި، ”ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއިއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި، ހުރިހާ މަސައްކަތްތަކެއް،“ އެޗްޑީސީން ކުރަމުން ދާ ކަމަށެވެ.

