ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސްއާއި އެއާއި އިންޑިއާއިން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވިއަނުން ބުނިގޮތުގައި، އެއާއި އިންޑިއާއާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަނުން އުދުހުންތައް ކުރިއަށް ގެންދާ ތަންތަނުގެ ތެރެއިން، މާލެ ފިޔަވާ، ރާއްޖެތެރެ 16 ރަށަކަށް އިތުރު ފަސިންޖަރުން ބަލައިގަނެ، އުދުހުންތައް ކުރިއަށް ގެންދިިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މި ޕާޓްނާޝިޕްގެ ސަބަބުން، މޯލްޑިވިއަނުން އިންޑިއާގެ މުމްބާއި އަދި ޑެއްލީން ފީޑަރ ޓްރެފިކް ލިބިގެންދާނެއެވެ. އެހެންކަމުން، ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ވައިގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންނަށް ފަސޭހަ ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މި ޕާޓްނާޝިޕަކީ، ރާއްޖޭއަށް ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ފުރުސަތުތައް ހޯދައިދީ، މާލެ ނޫން އެހެން ރާއްޖެތެރެ އަތޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް، ވައިގެ ގުޅުން ގާއިމުކުރުމަށް ކުރާ މަސައްކަތުގެ އައު ބާބެއް ހުޅުވިގެން ދާނެ ކަމެއް ކަމަށެވެ. އަދި، އެއާ އިންޑީއާގެ ހަރުދަނާ ވިއުގައާއި ރާއްޖެ ތެރޭގައި ހިދުމަތްތައް ފުޅާދާއިރާއެއްގައި، ދެ ގައުމުގެ ދެމެދުގަިއ އެއްބާރުލުން، ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުަކަށް އެހީތެރިވުމުގެ މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން، ދެ އެއާލައިނުންވެސް ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ވައިގެ ވިއުގައިގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ވައިގެ ދަތުރުފަތުރު ސްޓްރީމްލައިންކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުވެ، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.
ގައުމީ އެއާލައިނުން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަމުން އަންނައިރު، ދާދިފަހުން، ރާއްޖެތެރެ ނުވަތަ ޑޮމެސްޓިކް އުދުހުންތަކުގެ ތެރެއިން، ށ. އަތޮޅު ފުނަދޫ އެއާޕޯޓަށް ކުރާ އުދުހުންތަކުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
މީގެއިތުރުން، އެ އެއާލައިންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް، އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

