މި ސަރުކާރަށް ބަދަލު ދެން ޖެހުނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އިބްރާހިމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަބަބުން ކަމަށް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކެމްޕެއިން ކުރެއްވުމަށް ޤާއިމްކުރެއްވި ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ، މި ސަރުކާރަށް އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހުނީ އެތައް ބައެއްގެ ހައްގުތަށް ފާއިތުވި ދެ ސަރުކާރުން ފޭރިގަނެފައި ވާތީ ކަމަށެވެ.
އެ ހައްގުތަށް ފޭރި ގަތުމުން އެކަމުގެ ތަކުލީފް އުފުލަން ޖެހިފައި ވަނީ މި ސަރުކާރަށް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
“ ބަދަލަކީ ދޭން ޖެހުނީމަ ދޭނެ އެއްޗެއް. އެހެންނަމަވެސް އެ ބަދަލު ދޭން މެދުވެރިވި ބޭބޭފުޅުން. އޭރުގެ އިސްވެރިން. ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ބޭފުޅުން ޒިންމާ ނަގަން ޖެހޭނެ“ އަސްލަމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ ވަރުގަދައަށް ހިނގަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމުގައި ވަކި މީހެއްގެ މޫނަށް ކަނދުރާ އަށް ނުބަލާ އިންސާފުވެރިކަމާއި އެކު މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

