ސުޕްރީމް ކޯޓޫގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗަށް ކުރާ ތަހުގީގުގެ އަޑުއެހުމަށް ހާޒިރުވުމަށް އެމަނިކުފާނު އުޒުރުވެވަޑައިގަތުމުން، އެއަޑުއެހުން ކެންސަލްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދު 3:00 ގައި ތަހުގީގު އަޑުއެހުން ބޭއްވުމަށެވެ.
އާދަމް މުހައްމަދުގެ މައްސަލައިގައި ދެ އަޑު އެހުމެއް ޖޭއެސްސީއިން މިހާތަނަށް ވަނީ ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުން ފެށުމާއެކު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ، މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ އެ ދުވަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ.
އެ ގޮތުން އާދަމް މުހައްމަދު ވެސް ހިމެނޭ ގޮތަށް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭގެ ފަހުން ބޭއްވި އަޑުއެހުމަށް އާދަމް މުހައްމަދު ވަޑައިގެންނެވީ ވަކީލަކާއެކު ނުލަ އެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ވަޑައިގެންނެވި އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މި މަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އެއީ އާދަމް މުހައްމަދަށް ދެވޭނެ ފަހުގެ ފުރުސަތުކަމަށް ވެސް ޖޭއެސްސީން އެ ދުވަހު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން އެ ފަހަރު ފަސްވީ އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ ”އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް“ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކޮށްގެން ކަމަށް ކޮމިޝަނުން ބުންޏެވެ.
އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ. ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ.

