ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގައި މުލަކަތޮޅުގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައިފިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވި ގޮތުގައި ވަޒީރު މުލަކު އަތޮޅުގެ ރަށްތަކަށް ކުރެއްވި އެ ރަސްމީ ދަތުރުފުޅުގައި ކޮޅުފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ، ނާލާފުށި އަދި މަޑުއްވަރީއަށް ޒިޔާރަތްކުރައްވައި އެއަތޮޅު ކައުންސިލާއި މުލަކު އަތޮޅުގެ ރަށުކައުންސިލްތަކާއި ބައްދަލުކުރެއްވިއެވެ. އެގޮތުން އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައއިވާކަމަށާއި އެ މަޝްވަރާތަކުގެތެރޭގައި ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ކުނީގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ސިލްސިލާ ދަތުރުފުޅުގައި މި މަހުގެ ތެރޭގައި ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައި އެ މައްސަލަތަކާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކުރައްވާފައެވެ. އަދި ވަޒީރުގެ އެ ދަތުރުފުޅުގައި ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން އެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށްވެސް މައުލޫމާތުދެއްވައެވެ. އަދި ތިނަދޫގައި ސޯލާރ ފާމެއް ޤާއިމުކުރުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫ އެއްގައި ސޮއިކުރައްވާފައިވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކީ އެމަނިކުފާނުގެ ރަސްމީ މަސައްކަތްތަކަށް ބުރޫ ނާރާނެހެން ސަރުކާރުގެ ރަސްމީ ބަންދުދުވަސްތަކަށް ޝެޑިއުލް ކުރައްވައިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކެއްކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

