ލ.ފޮނަދޫ ކުރުގަމު އަވަށުގައި އާ މިސްކިތެއް އިމާރާތްކުރުމަަށް ބިންގާ އަޅައިފިއެވެ.
ތިންސަތޭކަ ދުވަސްތެރޭގައި އަޅާ ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ވަޒީރު،ޝެއިޚް އިމްރާން ޢަބްދުﷲ އާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖުއެވެ. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ފެށިގެން މި ދިޔައީ ރައީސް ޞާލިހުގެ ވައުދެއްކަމަށެވެ. އަދި މި މިސްކިތް އަންނަ ރޯދަ މަހާއި ހަމައަށް ނިންމާލެވޭނެ ކަމަށްވެސް ވިދާލުވިއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ސިރާޖު ވިދާޅުވީ، މިއީ ފޮނަދޫގެ ރައްޔިތުން ވަރަށް ބޮޑަށް ބެނުންވެފައިވާ ކަމެއްކަމަށާއި، މަޖިލިސް އިންތިޚާބުގައިވެސް ފޮނަދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި ފެނިގެން މިދަނީ ރައީސް ޞާލިހުގެ ވެރިކަމުގައި ދީނީ ކަންކަމަށް ދެއްވާ އަހަމިއްޔަތުކަން ކަމަށެވެ. އަދި މި ސަރުކާރަކީ އިސްލާމްދީން ހިމާޔަތްކޮށް ކުރިއަރުވާނެ ސަރުކާރެއްކަމަށާއި، ރައްޔިތުންގެ އެދުންތައް ، އެ ރައްޔިތުން ބޭނުންވާ ގޮތަކަށް ފުއްދަވާދެއްވާނޭކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ، 300 ދުވަހުން ނިންމަން ހަވާލުކުރިޔަސް 250 ދުވަސް ތެރޭގައި މި މަސައްކތް ނިންމާނެ ކަމަށް ކޮންޓްރެކްޓަރު ޔަޤީންކަން ދެއްވާކަމަށެވެ.

