ކައުންސިލް އިންތިހާބުގެ ކުރިން ޗެއާޕާސަންގެ އިންތިހާބު ބާއްވަން ތާރީހެއް ކަނޑައަޅައިފިނަމަ ކައުންސިލް އިންތިހާބަށް ހުރަސް އެޅޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ބޭނުންފުޅު ވަނީ ލަސްނުކޮށް ދާއިމީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އަދި އޭނާ ހުށައެޅުއްވީ ކައުންސިލް އިންތިހާބުގެ ވޯޓު ލާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ދާއިމީ ޗެއާޕާސަންގެ އިއުލާނު ކުރުމަށް ކަމަށާއި އެއަށްފަހު 7 ދުވަސް ފަހުން އިންތިހާބު ބާއްވާނެ ތާވަލެއް ކަނޑައަޅައި، ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް އެކަން ހުށައެޅުމަށެވެ.
އެހެންނަމަވެސް އެކަން އެގޮތަށް ކުރިއަށް ގެންދަން ފައްޔާޒް ވަނީ ދެކޮޅު ހައްދަވާފައެވެ. ފައްޔާޒް ވިދާޅުވީ މިރޭގެ ގައުމީ މަޖިލީހުގައި ތާރީހެއް ކަނޑައަޅަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ތާރީހެއް މިހާރު ކަނޑައަޅައިފިނަމަ ކައުންސިލް އިންތިހާބު އަންނަން ދެންވެސް ކުރިއަށް ދާނީ ޗެއާޕާސަންގެ އިންތިހާބު ކަމަށެވެ.
އެހެންކަމުން ފައްޔާޒް ހުށައެޅުއްވީ ކައުންސިލް އިންތިހާބަށް ހުރަސް ނޭޅޭގޮތަކަށް، ކައުންސިލް އިންތިހާބު ނިމުމުން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، ގޮތެއް ނިންމުމަށެވެ. އެހެންނޫން ނަމަ ޗެއާޕާސަން ކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިއަށް ދާނީ އެކަމުގެ ކެމްޕެއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެކަން އިތުރު ގޮންޖެހުމަކަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
”މިހާރުވެސް ޕާޓީގެ ކައުންސިލަށް ކުރިމަތިލައިގެން ތިއްބެވި ބޭފުޅުންގެ ކަންބޮޑުވުމަށް އިތުރު ކަންބޮޑުވުމެއ އަންނާނެ ކަމާއިދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރަން. އެހެންވީމަ އަޅުގަނޑޫމެން ލޯކަލް ކައުންސިލް އިނތިހާބު ކާމިޔާބު ކުރުމަށްޓަކައި ޗެއާޕާސަންގެ އިންތިހާބު ފަހަައް ޖައްސާލަން ޖެހޭ“
ފައްޔާޒް ވިދާޅުވީ ޗެއާޕާސަންގެ އިނތިހާބުގެ ވާހަކަ މަޑުޖައްސާލުމަށްފަހު، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ކައުންސިލް އިންތިހާބަށް އަވަސްވެގަންނާން ޖެހޭ ކަމަށެވެ.

