ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ސިނގިރޭޓު ކާޓަންތަކެއް ގެއްލުނު މައްސަލައިގައި އެ މުވައްސަސާގެ ސީނިއަރ ސާޖަންޓެއް ހައްޔަރުކޮށްފި އެވެ.
މިއީ ގާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ 32 ކާޓަންގެ ތެރެއިން 6 ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު މައްސަލަ އެވެ. މިދިޔަ މޭއި މަހުގެ 23 ގައި ހިފެހެއްޓި މިތަކެތީގެ އިތުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ބިދޭސީއެއްގެ އަތުން ހިފެހެއްޓި ސނގިރޭޓު ކާޓަންތަކެއް ވަނީ ގެއްލިފަ އެވެ.
އެ މައްސަލައިގައި ހިފެހެއްޓި ތަކެތިން ގެއްލިފައިވަނީ 31 ކާޓަންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ، ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި އދ. ދިގުރަށް/ޝަބުނަމީގެ މުނައްވަރު އާދަމެވެ. އަދި މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ދާތީ، އެނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިޔަށްދާކަމަށް ވެސް އެ މުވައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމާއި، ގަވައިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ، މިފަދަ ތަކެތި ގެއްލުން ވެސް އިތުރުވުމުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

