ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޖުރިބާ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަށް ދިޔަ މައްސަލައެއް!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީއާއި، އޮފީހުގެ ބައެއް އިސްވެރިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަޖުރިބާ ހޯދުމަށް ކުރި ދަތުރުތަކެއްގެ ތެރެއިން، މުވައްޒަފުންގެ ގުޅުން ބަދަހިކުރުމުގެ ނަމުގައި ފަޅު ދެ ރަށަކަށް ދިޔަ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ފެންމަތިކޮށްފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މަހުގެ 1 ގައި އާންމުކޮށްފައިވާ ކާށިދޫ ކައުންސިލްގެ އޮޑިޓު ރިޕޯޓު ދައްކާ ގޮތުގައި ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖޭގެ އެންމެ ދެކުނުން ތިން ސަރަހައްދަކަށް ދަތުރުކޮށް ބައެއް، ފަޅު ރަށްތަކަށް ވެސް ވަނީ ގޮސްފަ އެވެ. މި ދަތުރުތަކަށް ބޮޑު ހަރަދުތަކެއް ކުރިއިރު، އެއީ މާލިއްޔަތު ގަވައިދާ ހިލާފަށް ކުރި ދަތުރުތަކެއްކަން ފާހަގަކޮށް ބުނީ މި ދަތުރުތައް ކުރުމުގައި ފިނޭންސް މިނިސްޓްރީ ދީފައިވާ އިރުޝާދުތަކަށް އަމަލުކޮށްފައި ނުވާކަމަށް ރިޕޯޓުގައި ވެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކައުންސިލުން މި ދަތުރުތައް ކުރީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާއި މުޅިން ހިލާފަށެވެ. އެގޮތުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއަށް ކާށިދޫ ކައުންސިލުން އަމަލުކޮށްފައި ނުވާކަން ފާހަގަކުރި އެވެ.

މި ސަކިއުލާތަކުގައި ރާއްޖެއިން ބޭރަށް ތަޖުރިބާ ދަތުރުތަކާއި ޓްރޭނިން ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށާއި، އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އިރުޝާދު ދީފައިވެއެވެ. އަދި 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކޮށް ހަރަދު ކުރުމުގައި ވެސް ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށާއި، ކައުންސިލްތަކުން ބްލޮކް ގްރާންޓާއި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދުކުރުމުގައި މި ސާކިއުލާތަކަށް ރިއާޔަތްކުރުމަށް އަންގާފައިވާކަން އޮޑިޓުގައި ވެއެވެ.އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން، ކާށިދޫ ކައުންސިލުން ވަނީ ރަށްރަށުގެ ކައުންސިލްތަކާއި ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ބަލާ ތަޖުރިބާ ހޯދުމުގެ ދެ ދަތުރެއް ކޮށްފައެވެ.

ގދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރި ދަތުރު:

އޮޑިޓުން އެނގޭ ގޮތުން ކައުންސިލުން ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު 28 އިން 2023 ވަނަ އަހަރުގެ ޖަނަވަރީ 2 އަށް ކުރި މި ދަތުރުގައި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 18 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ދަތުރަށް ކައުންސިލްގެ ބަޖެޓުން 170,726 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރި ދަތުރު:

އޮޑިޓުގައިވާ ގޮތުން 2023 ގެ ޑިސެންބަރު 26 އިން 2024 ވަނަ އަހަރުގެ ޖަނަވަރީ 2 އަށް ކުރި މި ދަތުރުގައި ވެސް ކައުންސިލް މެމްބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން 15 މުވައްޒަފުން ބައިވެރިވި މި ދަތުރަށް 153،973 ރުފިޔާ ހަރަދުވި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރި ގޮތުގައި މި ދަތުރުތައް ކުރުމުގައި ފިނޭންސް މިނިސްޓްރީން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކޮށްފައި ނުވެއެވެ. އަދި ދަތުރުތަކުގެ މަގްސަދާ ނުގުޅޭ ބައެއް ކަންކަމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ފާހަގަކުރެވުނުކަމަށް ވެއެވެ.

ދަތުރުތަކުގެ މަގްސަދާއި ނުގުޅޭ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓުގައި ވަނީ، ގދ. އަތޮޅުގެ ރަށްރަށަށް ކުރި ދަތުރުގައި، މީހުން ނޫޅޭ ދެ ރަށެއް ކަމަށްވާ ގދ. ކަފެނާ އަދި ގދ. ލާބަދޫއަށް ދިއުމަށް 4,400 ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން ކައުންސިލުން ބުނީ، އެއީ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށާއި ”މޯޓިވޭޝަން“ އިތުރުކުރުމަށް ކުރި ދަތުރެއް ކަމަށެވެ. ނަމަވެސް، މީހުން ދިރިނޫޅޭ ފަޅު ދެ ރަށަކަށް ކުރި މި ދަތުރަކީ ތަޖުރިބާ ހޯދުމާއި ގުޅުންހުރި ހަރަދެއް ނޫންކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

”ގދ. ކަފެނާ އަދި ގދ. ލާބަދޫއަށް ދިއުމަށް ޖުމުލަ 4,400 ރުފިޔާ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްފައިވާއިރު އެ ދެ ރަށަށް ދިއުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓްގައި ބަޔާންކޮށްފައި ނުވާތީ، މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ކައުންސިލުން މައުލޫމާތު ދެއްވާފައި ވަނީ މި ދަތުރަކީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކުރުމަށް ކޮށްފައިވާ ދަތުރެއްކަމުގައެވެ. އެހެންކަމުން މީހުން ނޫޅޭ ދެ ރަށަކަށް ކޮށްފައިވާ މި ދަތުރަކ،ީ ރަށްރަށުގެ ކައުންސިލްތަކާއި ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތް ބަލާ ތަޖުރިބާ ހޯދުމަށް ކުރި ދަތުރާއި ގުޅޭ ހަރަދެއްކަމުގައި ނުބެލެވެއެވެ“ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ

މީގެއިތުރުން އޮޑިޓުގައި ބުނީ އައްޑޫ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި، އެ ދެ ސިޓީގެ އެތެރޭގެ ދަތުރުތަކާއި ބައެއް އެހެނިހެން ހަރަދުތަކަށް 28,227 ރުފިޔާ ހޭދަވިކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވީ ނަމަވެސް، އޮޑިޓުގެ މަސައްކަތަށް ލިބިފައިވަނީ 14,920 ރުފިޔާގެ ހަރަދުތަކާއި ގުޅޭ ބިލްތައް ކަމަށެވެ. އެގޮތުން އޭގެތެރެއިން ބާކީވާ، 13,307 ރުފިޔާ ހަރަދުކޮށްފައި ވަނީ ކޮންކަމަކަށްކަމާއި، އެ ހަރަދުތަކުގެ ސައްހަކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: