ޝަރުޢީ ދާއިރާގެ މުވަޒަފުންގެ ޤައިވައިދާ ޚިލާފަށް ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމް ސަސްޕެންޑް ކުރުމާއި ގުޅިގެން، އުއްތަމަ ފަނޑިޔާރާއި މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއަޅާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.
އެކަމާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހޫމަދު އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރިމްކޯޓުގެ އެއްވެސް މުވަޒަފަކާއި މެދުގައި، އަދި އެހެން އެއްވެސް ކޯޓެއްގެ މުވަޒަފަކާއި މެދުގައި ވިޔަސް ޑީޖޭއޭއަށް އެއްވެސް މައްސަލައެއް ބެލޭނީވެސް އަދި ފިޔަވަޅު އެޅޭނީވެސް އެންމެ ފުރަތަމަ އެ މުވަޒަފަކު ވަޒީފާ އަދާކުރާ ކޯޓަށް މައްސަލަ ހުށަހެޅި، އެ ކޯޓަކުން ނުވަތަ ކޯޓެއްގެ އިދާރީ ނިޒާމުގެތެރެއިން އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު އެ ނިންމުމާއި ހިންހަމަ ނުޖެހޭ ފަރާތުން އެ ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި ޑިޕާޓްމަންޓަށް ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މުވަޒަފަކު ވަގުތީ ގޮތުން ވަޒީފާއަށް ނިކުތުން މަނާކުރެވޭނީ އެ ކޯޓެއް ނުވަތަ އިދާރާއެއްގެ މަޝްވަރާއާއި އެކުގައި ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ސަސްޕެންޑު ކުރި އާތިކާ އިބްރާހިމް ޝަރުޢީ ދާއިރާގެ މުވަޒަފުންގެ ޤަވައިދު 2011 ގެ އެއްވެސް މާއްދާއަކާއި ޚިލާފުވެވަޑައިގެންފައިވާކަމާއި އަދި ޤަވައިދާ ޚިލާފުވެވަޑައިގެންފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލަމުން ނުދާއިރު ޑީޖޭއޭއިން ޝަރުޢީ ދާއިރާގެ މުވަޒަފުންގެ ޤަވައިދުގެ އެތައް މާއްދާއަކާއި ޚިލާފައް، އާތިކާގެ މައްޗަށް ފިޔަވަޅު އެޅުމަށް ޝަރުޢީ ދާއިރާގެ އުސޫލުތަކާއި އިޖުރާއަތްތަކުގެ ބޭރުން ތަޢައްޞުފީ ގޮތެއްގައި މަސައްކަތް ކުރައްވާކަން އެނގިވަޑައިގަތުމާއި ގުޅިގެން ހައިރާންވެ ހިތާމަ ކުރައްވާކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުވައްޒަފަކާ މެދުގައި ފިޔަވަޅު އެޅުމުގެ ކޮންމެ އިޖުރާޢަތެއް ވެސް ހިންގާން ވާނީ އަދުލުވެރި ގޮތްމަތީން، ނެޗްރަލް ޖަސްޓިސްގެ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއި އެކު މުވައްޒަފުންގެ ހައްޤުތަކާއި ޝަރުޢީ ދާއިރާގެ މަސްހަތުތަކަށް ރިޢާޔަތް ކުރުމާއި އެކު އޯގާތެރިކަމުގެ އަސާސުގެ މައްޗަށް ކަމަށެވެ.
ނަމަވެސް އާތިކާގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަމެއް އަދި އޭނާގެ މައްސަލައެއް ހުށައެޅިފައިވާ ކަމެއް ވެސް އޭނާ އަށް އެންގުމަކާއި ނުލައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ނުދީ ކުއްލިއަކަށް އޭނާ ސަސްޕެންޑް ކުރުމަކީ ނެޗްރަލް ޖަސްޓިސްއާ ހިލާފަށް މުވައްޒަފުންނާއި މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބެނުންކޮށް މުވައްޒަފުން ބުލީ ކުރުމުގެ އަމަލެއް ކަމާއި އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ ބިރުވެރިކަން އެބައޮތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ސުޕްރިމްކޯޓުގެ އެއްވެސް މުވަޒަފަކާއި މެދު ޤާނޫނާއި ޤަވައިދުން ބޭރުން އަނިޔާވެރި އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
މި ޢަމަލަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެ، ކޯޓުތަކުގެ އެތެރޭގެ ނުފޫޒާއި ބާރު ހިންގުމުގެ ސަޤާފަތެއް އުފައްދައި ފަނޑިޔާރުންނައް މަސައްކަތް ނުކުރެވޭނޭފަދަ މާޙައުލެއް އުފެއްދުމަށްޓަކައި ހިންގަމުން އަންނަ ދަށުދަރަޖައިގެ ޢަމަލެއްކަން އުއްތަމަ ފަނޑީޔާރު ފާހަގަކުރެއްވިއެވެ. އަދި މި ޢަމަލުތައް ޙުއްޓުވާ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ސުޕްރިމްކޯޓަށްވެސް އަދި އެހެނިހެން ކޯޓުތަކަށްވެސް މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމް ކުރުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަުން ދުސްތޫއީ އަދި ޤާނޫނީ މަސަޢޫލިއްޔަތު އަދާކުރުމަށް ވަނީ ގޮވާލައްވާފައެވެ.


One Response
މިހާރުތިއޮތީ ހެންވޭރު÷ޕާރކްގައި ނަޝީދުވެރިކަމުން އިސްތިއުފާދީފަ ބަނޑަހަގެ ޖަހައިގެން ބަރަހަނާމާލަމް އުފައްދައިގެން އެތާނގައި ހިންގި ކަންތައް ފެށިފައި! ޤާނޫނެއް ނެތް! ޤާނޫނުއަސާސީއަށް ފައިންއެރިބަޔަކަށް ކޮންޤާނޫނެއްބާ އޮންނާނީ! ރައްޔިތުންގެ މަޖްލިސްވެސް ޢެއޮތީ ބަކަރިކޮށްޓެއްގެ ސިފައިގަ! އެހާލަތަށްއައިމަ ކޯޓެއް ގަމީހެއް ނޮއޮންނާނެ! މިހެންގޮސް ހެދޭނެހެދޭ ނޭގެންފެށީމަ ސިފައިން ނިކުންނާނެ! ރައްޔިތުންނަށް ޤާނޫނީގެރިކަމޯ މިކޮށްދެނީ