އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ފުއާދު ތައުފީގު އަްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ
އީސީގެ މެންބަރުކަމަށް ފުއާދު އްޔަން ކުރަން ރުހުން ދިނީ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އިއްތިފާޤުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 އަށް ހަމަވާތީއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި، މއ. ތަޅަމުދުގެ ފުއާދު ތައުފީގުއާއި، ގއ. މާމެންދޫ އަމުޖަދު މުސްތަފާއާއި، ހ. ގާޑެނިޔާ ހަސަން ނާޒިމްއާއި، ހއ. ކެލާ، އަނބުގަސްދޮށުގެ ހަނީފާ ހާލިދުއެވެ.
މި ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކޮށް ތަރުތީބުކުރި އިރު ފުރަތަމަ ނަމަކަށް ފާސްކޮށްފައިވަނީ ފުއާދު ތައުފީގްއެވެ. ނަން ތަރުތީބު ކުރިއިރު ދެ ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ އަމުޖަދު މުސްތަފާ އެވެ. އަދި ތިން ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ ހަނީފާ ހާލިދު ނަމެވެ.
ކޮމިޓީއިން ތިން ބޭފުޅެއްގެ ނަން ތަރުތީބުކޮށްފައިވާއިރު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ، ކޮމެޓީން ނިންމާފައިވާ ތަރުތީބުން ނެވެ. އެއަށްފަހު އިލެކްޝަން ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންތިޙާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކަށެވެ.
އީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އަދި އަމްޖަދު އަކީ މިޙާރުވެސް އިލެކްޝަން ކޮމިޝަންގެ މެންބަރެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވިއެވެ.

