އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގެއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑު ފެމިލީ ޑިވެލޮޕްމަންޓު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިކަން މިނިސްޓަރ ހާމަކުރެއްވީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މިއަދު ތައާރަފުކުރެވުނު ނޭޝަނަލް އެކްޝަން ޕްލޭން އޮން އެޖިންގ އަކީ އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކޮށް، މިއަދު ފެންނަން އޮތް ހަގީގަތްތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ދާން އޮތް މަގު ބައްޓަންކުރުމަށްޓަކައި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި، މި ޕްލޭން މެދުވެރިކޮށް، އެއްވެސް މީހަކު ބާކީ ނުކޮށް، ރެސިލިއެންޓު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު އަލުން ކަށަވަރުކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. އާއިޝަތު ޝިހާމް ވިދާޅުވިގޮތުގައި، ރާއްޖެއަށް ކުރިމަތިލާންޖެހިފައި އޮތީ ޑިމޮކްރަފިކަލީ ގޮތުން ބޮޑު ބަދަލެކެވެ. އެގޮތުން، ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރު، ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނަށް ވާނެއެވެ.
އެހެންކަމުން، މި މައުލޫމާތުގެ އަލީގައި، 25 އަހަރުގެ މުއްދަތެއް ލިބިފައިވާ މި ދަނޑިވަޅުގައި، ކަލެކްޓިވް ޕްލޭނިންގއާއި، ކަލެކްޓިވް ރެސްޕޮންސިބިލިޓީ އަދި ކަލެކްޓިވް ފިޔަވަޅެއް އެޅުމަށް ވަގުތު ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަންނަން އޮތް ޖީލުތައް ރައްކާތެރިކޮށް، ދަމަހައްޓާނެ ނިޒާމެއް ވާރުތަވާނެހެން، ރަނގަޅު ބިންގަލެއް އެޅުމުގެ މުހިއްމުކަން ސަރުކާރުން ދެނެގަނެ، އެކަން ގަބޫލުކުރާ ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ޒާއްމަތުގައި، އެންމެން ކުރިއަށް ދާނީ ސާފު ތަސައްވުރަކާއިއެކު، ކަރާމަތާއި، ހިމެނުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ، އަޅާލާ މުޖުތަމައެއް އުފެއްދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްރަށްވެހިންނަށް ހާއްސަ ގެއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތަކީ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ދެއްވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. މި ފެސިލިޓީގެ ސަބަބުން ހާއްސަ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، ހީވާގި، ދުޅަހެޔޮ މާހައުލެއް އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

