ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން މިމަހުގެ 13 ވަނަ ދުވަހު ބ. އަތޮޅުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށަން ނިންމައިފިއެވެ.
މި ޕްރޮގްރާމްތަކުގެ މަގްސަދަކީ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދީ، މުޖުތަމަޢަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.
ބީވީއައިއެސްއެމްއިން ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ހާމަކުރެއްވި ގޮތުގައި، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ އެވެއަރނެސް ސެޝަންތަކުގެ ސަބަބުން ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދެއެވެ. އެގޮތުން، އެކި އެޕްލިކޭޝަންތައް ބޭނުންކުރުމާއި، އަދި އެ ފަރާތްތަކުގެ ޒަރޫރީ އަމިއްލަ ކަންކަން ވެސް ކުރެވޭނެ ގޮތްތައް އުނގަންނައިދީ، ކަންކަން ފަހިކޮށްދެއެވެ.
މިފަދަ ސެޝަންތަކުން ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ގިނަ މައުލޫމާތުތަކެއް ލިބި، އެމީހުންގެ ހޭލުންތެރިކަން އިތުރުވެގެންދާ ކަމަށް ބީވީއައިއެސްއެމްއިން ބުނެއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަމެއް ހުރުމަކީ އެއްވެސް ބަޔަކު އެ މުޖުތަމައުއަކުން ބާކީ ކުރަންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ހަމަ އެއާއިއެކު އެފަރާތްތައް ވެސް ކުރާ ކޮންމެ ކަމެއްގައި ޝާމިލްކޮށް، އެ މީހުންނަށް އިލްމު އުގައްނައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ބީވީއައިއެސްއެމްއިން ފާހަގަކުރާ ގޮތުގައި، މިހާރު އައިސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުމާއިއެކު ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން ވަރަށް ފަސޭހަވެފައި ވީނަމަވެސް، އަދިވެސް ގޮންޖެހުންތައް ދިމާވެއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި މުޖުތަމަޢު ހޭލުންތެރިވެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންގެ މެދުގައި މިކަމަށް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

