ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތު މީހާގެ ސިޓީއެއް ރައީސް ސާލިހުއަށް. ބެސްޓް ފްރެންޑަށް ވީގޮތް މަނިކުފާނަށް ވާކަށް ނޭދެން!

ރައީސް ސާލިހުއާއި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. މަނިކުފާންގެ ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު އެއް އަހަރު ފުރިގެންދާކަމީ އަޅުގަނޑަށް ނުހަނު ބޮޑު އުފަލެއް ލިބިގެންދާ ކަމެކެވެ. ހާއްސަކޮށް ނިމިގެން ދިޔަ ދުވަސްތަކުގައި ކުރިމަތިވި އެތައް ގިނަ ގޮންޖެހުންތަކެއް ވަރަށް ވިސްނުންތެރި ކަމާއި ހިކުމަތްތެރި ކަމާއިއެކު ހައްލު ކުރެއްވުމަކީ މަނިކުފާންގެ ވެރިކަމުގެ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަމަ މަގުން ދާނެ ކަމުގެ ހިތްހަމަ ޖެހުން އަޅުގަނޑަށް ލިބިގެންދާ ކަމެއް ކަމަށް ނުހަނު އުފަލާއިއެކު ދަންނަވަމެވެ. 

އިއްޒަތްތެރި ރައީސުލްޖުމްހޫރީއްޔާއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީ ބުނާ ގޮތުން ދިވެހި ދައުލަތުގެ އެންމެ އިސްވެރިއަކީ މަނިކުފާނެވެ. ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެހައި މުއައްސަސާތައް ހިނގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިންތޯ ޔަގީންކޮށް ކަށަވަރު ކުރުމަކީ މަނިކުފާންގެ ޒިންމާއެއްކަން އަޅުގަނޑު ނުދެންނެވިޔަސް މަނިކުފާނަށް އެނގިވަޑައިގަންނަވާނެކަން ޔަގީނެވެ. އަދި އެއްވެސް މުއައްސަސާއެއް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ހުދޫދުން ބޭރުވެއްޖެނަމަ އެ މުއައްސަސާއެއް ހަމަމަގަށް އެޅުވުމަކީ ވެސް މަނިކުފާންގެ ޒިންމާއެއްކަން މަނިކުފާނަށް އޮޅުމެއްނެތި އެނގިވަޑައިގަންނަވާނެ ކަމާއިމެދު އަޅުގަނޑުގެ ހިތުގައި ކުޑަނަމަވެސް ޝައްކެއްނެތެވެ. 

އިއްޒަތްތެރި ރައީސްއެވެ. މިދެންނެވި ގޮތަށް ކަންކަން އޮތް ނަމަވެސް މަނިކުފާންގެ ވެރިކަމުގެ ތެރޭގައި މަިނިކުފާނަށް ހެޔޮނޭދޭ އެތައް ބަޔަކު ތިބެގެން މަނިކުފާންގެ ލޯފުޅުގައި އަނދުން އަޅުވާފައި އެތަކެއް ކަމެއް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން ކުރަމުންދާކަން އަޅުގަނޑުގެ މި ނިކަމެތި ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަ ހިތާމައާއިއެކު މަނިކުފާނަށް ދަންނަވަމެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުުރުމުގެ ނަމުގައި މިއަދު ކުރަމުންދާ ކަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ކުރަމުންދާ ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ދައްޗެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ގޯސްކޮށް ހިނގަމުންދާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ބައެއް ކަންކަން މަނިކުފާނަށް ދަންނަވާލާނަމެވެ. 

އިއްޒަތްތެރި ރައީސްއެވެ.  ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މަނިކުފާން ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން، ”އެޖެންޑާ 19“ ނަމުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި ކަރުދާހެއްގައި ވެސް ޝަރުއީ ނިޒާމު ހަރުދަނާ ކުރުން އެބަ އޮތެވެ. އޭގެ ފަހުން މަނިކުފާންގެ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަންސް ޕްލޭނުގައި ވެސް އެންމެ އިސްކަމެއް ދެއްވާފައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށެވެ.

 އެގޮތުން އެކްޝަން ޕްލޭންގެ ”ހެޔޮ ވެރިކަން“ ބައި ބެހިފައި ވަނީ ޖުމުލަ ހަތް ދާއިރާ އަކަށެވެ. އެއީ ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމު އިޞްލާޙުކުރުމާއި ޤައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން، ކޮރަޕްޝަން ނައްތާލުން، ހަމައެހެންމެ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމް ކުރުމާއި މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިޞްލާޙުކުރުމާއި މިންތީގެ ހަމަހަމަކަމުގެ އިތުރުން ޚާރިޖިއްޔާއެވެ.

ހެޔޮވެރިކަން ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ މަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ކަމުގައިވާާ ގާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމު އިސްލާޙު ކުރުމުގެ ބައިގައި ބުނެފައިވާ ގޮތުގައި ޤާނޫނީ އަދި ޝަރުޢީ ނިޒާމު އިޞްލާޙު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ވައުދެވެ. އަދި ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުމަކީ މަނިކުފާން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއް މަސައްކަތް ކަމަށް މަނިކުފާން ވަނީ ވިދާޅުވެފައެވެ. 

އިއްޒަތްތެރި ރައީސްއެވެ. މަނިކުފާން މިފަދައިން ވަޢުދުވެވަޑައިގެންފައި ވީނަމަވެސް މިއަދު ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ސިޔާސީ ނުފޫޒެއް ނެތި ކަމަށް ގަބޫލު ކުރާ ދިވެހި ރައްޔިތުން މަދޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް އަދި އަދުލް އިންސާފް ގާއިމް ކުރުމުގެ އެންމެ މަތީ ބާރު އިސްލާހު ކުުރުމުގެ ނަމުގައި މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދަވާ އަމަލުތަކަކީ ގާނޫނުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ވަރަށް ދައްޗެވެ. އަޅުގަނޑަށް ފެންނަ ބައެއް ގާނޫނީ ސަބަބުތައް މަނިކުފާނާ ހިއްސާކޮށްލާނަމެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން، ފަނޑިޔާރުން އެބައިމީހުންނާ މަތިކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި މައްސަލައެއް ބަލައިގަނެ ފިޔަވަޅެއް އެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫނެވެ. 

އިއްޒަތްރެރި ރައީސްއެވެ. ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް، ނިންމައިފައިވާ އެއްވެސް ނިންމުމެއް މުރާޖަޢާ ކުރުމާއި، އޭގެ ޞައްޙަކަން ބެލުމާއި، އެއީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި އެއްވެސް އިޖުރާއާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭ، އަދި ޤާނޫނުއަސާސީ ދަންނަ ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫންކަން ހުދު މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. 

އެފަދަ އިޖުރާއާތެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިޔަސް، އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން  ޣައިރު ޤާނޫނީ ބާޠިލު ޢަމަލެއްކަމުގައި މެނުވީ ނުވާނެކަން އިއްޒަތްތެރި ރައީސްއަށް އެނގިވަޑައިގަންނަވާނެކަން ޔަގީނެވެ. 

އިއްޒަތްތެރި ރައީސްއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ.

ހަމައެހެންމެ މި ދެންނެވި މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. މި މާއްދާގެ (ނ) ގައި ބުނެފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

ހަމައެހެންމެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކޮށްދީ އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒަރީއްޔާއިންނާއި، އެހެނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

އިއްޒަތްތެރި ރައީސްއެވެ. ގާނޫނުއަސާސީގެ މި ދެންނެވި މާއްދާތަކުން އެނގި ސާފުވެގެންދާ ކަމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކުރުމަށްޓަކައި ކުރާން ޖެހޭ އެންމެހައި މަސައްކަތްތަކާއި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ މަސްއޫލީއްޔަތެއް ކަމެވެ. އަދި ވެރިކަން ހިންގުމުގެ ބާރުންނާއި، ގާނޫނު ހެދުމުގެ ބާރުން ކުރާން ޖެހޭ ކަމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުންކަން ސާފުކޮށް އެނގި ހާމަވެއެވެ.

އިއްޒަތްތެރި ރައީސްއެވެ. މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ތިންބާރުގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ ހުރިހާ މުއަށްސަސާތަކާ ހުރިހާ ދިވެހިންވެސް ގަބޫލުކުރާ ކަމެކެވެ. އަދުލުއިންސާފުގެ ދާއިރާގައި ވެސް ރަގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ މަޖިލިސް މެމްބަރުންގެވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ ހުރިހާ އެންމެންވެސް އިއްތިފާގުވާ ހަގީގަތެކެވެ.

ނަމަވެސް އިސްލާހު ކުުރުމުގެ ނަމުގައި ފަނޑިޔާރުން ބަލާފައިވާ މައްސަލަތައް އެއީ ސުލޫކީ މައްސަލަތަކެއް ކަމަށް ހަދައިގެން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައި މަގާމުން ދުރުކޮށް ފަޟީހަތް ކުރުމަކީ ގައުމުގެ މާދަމާގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވާނެއެވެ. އެފަދަ އަމަލުތަކުން ގާއިމް ކުރެވިގެން އެދަނީ ނުބައި އުސޫލްތަކެއްކަން ހުދު މަނިކުފާން ވެސް ގަބޫލު ކުރައްވާނެއެވެ. އަދި އިސްލާހު ކުރުމުގެ ނަމުގައި ގޯސް ހެދުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން މަނިކުފާން ވަނީ ވިދާޅުވެފައެވެ. 

އެހެން ކަމުން ބަދަލު ހިފުމުގެ ގޮތުން މިހާރު ކުރަމުންދާ ކަންކަން ހުއްޓުމަކަށް ގެނެސް ފަނޑިޔާރުންގެ މައްސަލަތަކެއް ހުރިނަމަ އެ މައްސަލަތައް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދިއުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ބާރު އަޅުއްވައި އެކަން އެ މަގުން ގެންދިއުމަށް މަނިކުފާންގެ އަރިހުން އަދަބުއިހުތިރާމާއެކު ދަންނަވަމެވެ. 

އިއްޒަތްތެރި ރައީސްއެވެ. މަނިކުފާންގެ އެންމެ ގާތް އެކުވެރިޔާ ބެސްޓް ފުރެންޑް މިއަދު ގާނޫނުހަދާ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ފަނޑިޔާރުގެއާއި ފަނޑިޔާރުންނާއި އަޅައި ގަނެގެން ނެއްޓެން އެނގިވަޑައިނުގެން އުޅުއްވަނިކޮށް ޖެހިވަޑައިގެންނެވި ދަތުރުފުޅު އަޅުގަނޑު މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވާކަށް ނުޖެހޭނެއެވެ. އަޅުގަނޑު މިސިޓީ ލިޔެ މިހުރިހައި ވާހަކައެއް އިއްޒަތްތެރި ރައީސްއަށް ދެންނެވުމުގެ އޮތީ ހަމަ އެންމެ ބޭނުމެކެވެ. އެންމެ އެދުމެކެވެ. މަނިކުފާންގެ ބެސްޓްފުރެންޑާ ދެކޮޅަށް ރައްޔިތުން ޖުމްހޫރީ މައިދާނަށް ނިކުތް ގޮތަށް މަނިކުފާނާ ދެކޮޅަށް ރައްޔިތުން ނިކުތުމަކީ އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. 

އެހެން ކަމުން އަޅުގަނޑު މިދެންނެވި ކަންކަމާއި މެދު މަނިކުފާން ވިސްނާ ވަޑައިގެން ގައުމު އިސްލާހު ކުރުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކަންކަން ނިންމަވާނެ ކަމުގެ ޔަގީން ކަމާއެކު މަނިކުފާނަށް އަބަދުވެސް ހެޔޮ ގޮތް މިންވަރުކޮށް ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމުން ސިޓީ ނިންމާލާނަމެވެ. އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

ނިކަމެތި ރައްޔިތު މީހާ…….

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: