ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް އެންމެ ރަނގަޅުގޮތަކީ ރައީސް ނަޝީދު އަދި ރައީސް ޞާލީޙްވެސް އައު ލީޑަރެއް ނެރުން: ޔައުގޫބް

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، އެ ދެ ބޭފުޅުންގެ ތަޖުރިބާ ބޭނުން ކުރައްވައިގެން އައު ލީޑަރެއް ނެރެ، އެ ލީޑަރެއްގެ ފަހަތުގައި އެމްޑީޕީ ކުރިއަށް ދިއުމަކީ ޕާޓީއަށާއި މެންބަރުންނަށް ވެސް ފައިދާ ކުރާނެ ގޮތް ކަމަށެވެ.

ޔައުގޫބް ފާހަގަ ކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫންކަން ރައީސް ނަޝީދު ވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ދެ ރައީސުން ވެސް މިހާރު ކަން ކުރައްވަމުން ގެންދަވަނީ އެ މަގުން ކަމަށް ޔައުގޫބް ގަބޫލު ކުރައްވައެވެ.

ޔައުގޫބް ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ރައީސް ޞާލިޙް އޭނާގެ ގާތުގައި ވިދާޅުވި ކަމަށެވެ. އެހެންކަމުން، ރައީސް ޞާލިޙް ހުންނަވާނީ އޭނާގެ ގާތުގައި އެ ވިދާޅުވި ބަސްފުޅުގެ މަތީގައި ކަމަށް ޔައުގޫބް ގަބޫލު ކުރައްވައެވެ. އަދި ޕާޓީއަށް ދެރައެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ރައީސް ޞާލިޙާއި ރައީސް ނަޝީދު ދެން ކުރައްވާނެ ކަމަށް އޭނާ ދެކެވަޑައި ނުގަންނަވައެވެ.

ޔައުގޫބް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވީ ރައީސް ޞާލިޙާއި ރައީސް ނަޝީދާއި ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ކޯޅުމާއި ދެބަސްވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، އެކަން އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ދެ ބޭފުޅުން ވެސް ކުރައްވަން ޖެހޭ ކަމަކީ އައު ލީޑަރެއް ދައްކައިގެން އެ މީހެއްގެ ފަހަތަށް އަރާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް އެމްޑީޕީ ބަލިވީ އެ ކޯޅުންތަކުން ނުނެއްޓި މަޖިލިސް އިންތިހާބާއި ކުރިމަތި ލާން ޖެހުމުން ކަމަށް ޔައުގޫބް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، ޔައުގޫބް ވިދާޅުވީ މިހާރު އެމްޑީޕީން އެ ކޯޅުމުން ނެއްޓިފައިވާ ކަމަށާއި، ކުރިން ކުރިމަތިވި މައްސަލަ ދެން ކުރިމަތި ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭރު އެ ދެ ބޭފުޅުންގެ މެދުގައި ޖެހުނު މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ލިބި އެކަން ނުކުރެވުނު ނަމަވެސް، މިހާރު އެ މައްސަލަތައް ހައްލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ޔައުގޫބް ދެކެވަޑައިގަންނަވައެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ، މިހާރު އެމްޑީޕީގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމަކީ ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ދެމެދު އޮތް ފަދަ ވާދަވެރި ކަމެއް ނޫން ކަމަށެވެ. އެގޮތުން، މިހާރު ރިޔާސީ ޓިކެޓަށް އޮތް ވާދަވެރި ކަމަކީ ކައުންސިލް އިންތިހާބަށް އެއްވެސް އަސަރެއް ކުރާނެ ފަދަ ވާދަވެރި ކަމެއް ނޫން ކަމަށާއި، ރިޔާސީ ޕްރައިމަރީއަށްފަހު އެ ވާދަވެރިކަން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: