އާންމު ގޮތެއްގައި ހީވެފައި އޮންނަނީ ހަކުރު ބަލި ޖެހެނީ އާއިލާގައި ހަކުރު ބަލި ތަހައްމަލް މުރާ މީހުން ތިބުމާއި، މާގިނައިން ކެއުމާއި، ހެލިފެލިވުން ކުޑަވުމުން އެކަނި ކަމަށެވެ. މި ކަންކަމަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިވާ ކަންކަމަށްވީ ނަމަވެސް ފިކުރު ބޮޑުވުމާއި ކަންކަމާއި ހާސްވުމަކީ ވެސް ހަކުރު ބައްޔަށް މަގުފަހިވާ އެއް ސަބަބެވެ.
ސްޓްރެސް ނުވަތަ ފިކުރުބޮޑުވެ ހާސްވުމުގެ ސަބަބުން ހަކުރު ބަލި ޖެހުމުގެ އިތުރުން އެ ބަލި އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް އޮވެއެވެ.
ފިކުރުބޮޑުވުމުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރަށް ބަދަލު އަންނަނީ ކިހިނެތް؟
އިންސާނާގެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދެނީ މައިގަނޑު ދެ ހޯމޯންއަކުންނެވެ. އޭގެ ތެރެއިން ފުރަަތަމަ ހޯމޯން އިން ލޭގައި ހުންނަ ހަކުރުގެ މިންވަރު މަދުކޮށްދޭ އިރު މި ގްރޫޕްގައި ހިމެނެނީ އިންސޫލިން އެކަންޏެވެ.
ދެވަނަ ގްރޫޕަށް ނަން ދެވިފައި ވަނީ “ ކައުންޓަރ- ރެގިއުލެޓްރީ ހޯރމޯންސް“ގެ ނަމުންނެވެ. މި ގްރޫޕްގައި ހިމެނޭ ހޯމޯންސްއިން ލޭަގައި ހިމެނޭ ހަކުރުގެ މިންވަރު އިތުރުކޮށްދެއެވެ. މި ގްރޫޕްގެ ހޯމޯންގައި ކޯރޓިސޮލް، އެޑްރެނަލައިން، ނޮރެޑްރެނަލައިން، ގްލުކެގޮން އަދި ގްރޯތް ހޯމޯން ހިމެނެއެވެ. ކަންކަމާއި މާބޮޑަށް ވިސްނާ، ފިކުރު ބޮޑުވާނަމަ “ ކައުންޓަރ- ރެގިއުލެޓްރީ ހޯރމޯންސް“ އިތުރުވެއެވެ. އެގޮތުން މި ހޯމޯންސް މެދު ނުކެނޑި އިތުރުވުމަކީ ހަކުރު ބަލި ހުންނަ މީހުންނަށް އެ ބަލި އިތުރަށް ގޯސްވުމަށް ދިމާވާކަމެކެވެ. އަދި ހަކުރު ބަލި ޖެހުމަށް މަގުފަހިވެސް ކޮށްދޭކަމެކެވެ.
އެހެންކަމުން ހަކުރު ބަލި ހުންނަ ފަރާތްތަކަށް ފިކުރު ބޮޑުވާ ކަންކަމާއި ދުރުވުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާއި، ރަނގަޅު ކާނާ ކެއުމުގެ އިތުރުން ސްޓްރެސް ލެވެލް ކޮންޓްރޯލް ކުރުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ. ސްޓްރެސް ބޮޑުވެގެން ހަކުރު ބަލި ޖެހިއްޖެ ނަމަ، ބޭސް ބޭނުން ކުރި ކަމާއި، ކަސްރަތު ކުރުމުގެ އިތުރުން ކެއުމަށް ބަލައިގެން އުޅުނު ކަމަށް ވިޔަސް ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވިދާނެއެވެ. ރަނގަޅު ޑައިޓެއް ބޭނުން ކުރުމުގެ އިތުރުން ހެލިފެލިވެ އުޅޭ ފަރާތްތަކަށް ހަކުރު ބަލި ދިމާވެއްޖެ ނަމަ، ނުވަތަ އެބަލި ގޯސްވާ ނަމަ ފިކުރު ބޮޑުވުމަކީ އެކަމުގެ ސަބަބުކަމަށް ވުން ވަރަށް ގާތެވެ.
ގާތް މީހަކަށް ހަކުރު ބަލި ޖެހިފައި ވާނަމަ، އެ މީހާ ފިކުރު ބޮޑުވާ ކަންކަމާއި ދުރުކުރަން މަސައްކަތް ކުރާށެވެ. އަދި އެއްވެސް މީހަކަށް އެބަލި ޖެހުނީ މި ސަބަބާއި ހުރެކަމަށް ވިސްނޭނަމަ، އޭނާ އާއި ވާހަކަދައްކާ ފިކުރު ކުރާ ސަބަބު ދެނެގަންނަން މަސައްކަތް ކުރާށެވެ. އަދި ކަމެއް ހިއްސާ ކުރަން ބޭނުންވާތޯ ސުވާލުކޮށް، ކެތްތެރިކަމާއި އެކު އަޑު އަހާށެވެ. އެހެނީ ފިކުރު ބޮޑުވާ ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކަނުލާ އަޑު އަހާނެ މީހެކެވެ.

