ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން، ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށްވާ ’ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް‘ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ކޮންފަރެންސަކީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، އެލްޖީއޭ އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ.
ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ދެފުކަށް ފެންނަ ގޮތެއްގައި ކަންކަން ހިންގުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް ސިޓީސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކައުންސިލްތަކަށް އަލަށް އައްޔަންކުރެވޭ އިންޓާނަލް އޮޑިޓަރުންނަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އެ ބޭފުޅުންގެ ހުނަރާއި އަމަލީ ޤާބިލުކަން އިތުރުކުރުމެވެ.
މި ފޯރަމްގައި ތެރޭގައި، އޮޑިޓްގެ މިންގަނޑުތަކާއި، ކައުންސިލްތަކުގެ މާލީ އަދި އިދާރީ ކަންކަން ބެލެހެއްޓުމުގައި އޮޑިޓަރުންގެ ދައުރުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.
މި ކޮންފަރެންސްގެ ޝިއާރަކީ “ސްޓްރެންތިން ގަވަނަންސް އިންޓްރޮޑިއުސިންގ އިންޓާނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް“ އެވެ. މިއީ، ކައުންސިލްތަކުގެ ބެލެހެއްޓުން ހަރުދަނާކުރުމަށް އިންޓަރނަލް އޮޑިޓްގެ ނިޒާމު ތަޢާރަފުކުރުމުގެ މުހިއްމުކަން ހާމަކޮށްދޭ ޝިޢާރެކެވެ.
ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތްދޭ މުއައްސަސާތަކަށް ވާއިރު، އެތަންތަނުގެ މަސައްކަތްތައް ހިންގުމުގައި ދެފުކަށް ފެންނަ އުސޫލުތަކަށް ބާރުއެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ޤާއިމުކުރުމަކީ، ކައުންސިލްތަކުގެ މާލީ ހަރަދުތަކާއި، އިދާރީ ނިންމުންތައް ގަވާއިދާ އެއްގޮތަށް ހިނގާތޯ ބެލުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. މި ކޮންފަރެންސުން އުފެދޭ އޮޑިޓަރުންނަކީ، ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް އެހީތެރިވެދޭނެ މުހިއްމު ބަޔެކެވެ.

