ޕީޕީއެމް އަކީ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑް ވިއްކާލަން އުނދަނގޫ ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ބޭއްވި، ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް އަކީ ރައްޔިތުން ބަލައިގަންނަ، ތާއީދު އޮތް ޕާޓީއެއްކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޕީޕީއެމް އިން މީގެ ކުރިން ވެސް އެކި ނަންނަމުގައި އެއްވުންތައް ބާއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ދަވާލައިފި އާއި، އަންނަނީ ފަދަ ނަންނަމުގައި އެއްވުންތައް ބާއްވާފައިވާ ކަމަށާ، ހުކުރު ދުވަހުގެ ރޭ ވެސް އެފަދަ އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ”ފުނޑާލައިފި“ގެ ނަމުގައެވެ. މި އެއްވުމުގައި ވަރަށް މުހިއްމު މެސެޖްތަކެއް ދޭނެ ކަމަށާ އެ އެއްވުމަށް ވީހާވެސް ގިނަ ފަރާތްތަކުން އައުމަށް އެދޭކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕިއެމް އިން ދަނީ ފަހަކަށް އައިސް ސިލްސިލާ އެއްވުންތައް ބާއްވާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ. އަދި ސަރުކާރުގައި ކޮރަޕްޝަން ގިނަވުމާއި، ސަރުކާރު ސްލޯވުން ފަދަ ކަންކަމުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށް އެ ޕާޓީއިން ބުނެއެވެ. ޕީޕީއެމް އިން ވަނީ ދާދިފަހުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައެވެ.

