ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް ފެންނަނީ ގުރޫޕުތަކުގެ ވާދަވެރިކަން، ފޯކަސް ކުރަންވީ ކައުންސިލް އިންތިހާބަށް: ޑރ. ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބަށް އޮންނަން ޖެހޭ ފޯކަސް ގެއްލި، ކެންޑިޑޭޓުންގެ ޓީމުތަކުގައި ބަހުސްތައް ކުރަމުން ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، އަނެއްކާވެސް ހިޔާލުތަފާތުވުންތައް ގޯސްވެފައިވާއިރު ޕާޓީގެ އެތެރޭގައި ކައުންސިލް އިންތިހާބުގެ ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން އެކި ބޭފުޅުންގެ ފަރާތުން ނެރޭ ކެނޑިޑޭޓުންކަމަށް ބުނެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުން ފާހަގަކުރެވެ އެވެ.

މިވަގުތު އެންމެ ބޮޑު މައްސަލައެއް އުފެދިފައި ވަނީ، ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅަކާއި މެދު އެވެ. ދެވަނަ ދައުރަކަށް އާދަމް އާޒިމް ވެސް ވާދަކުރައްވާއިރު، ދެން އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ދާދިފަހުން  އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒާއި އޭނާގެ ޓީމް ވެސް ތާއީދު ކުރަނީ އަލީ އާޒިމް އަށެވެ.

ކައުންސިލް އިންތިހާބުގެ ޕްރައިމެރީގެ ވާދަވެރިކަމާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޑީޑީ ވިދާޅުވީ، ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅިގެން ޕާޓީގެ ތެރޭގައި ކުރިއަށްދާ ބަހުސްތަކާއި ވާދަވެރިކަން ފެންނަނީ ކެނޑިޑޭޓުންގެ ޓީމުތަކުގެ މެދުގައި އޮތް ގުރޫޕު ވާދަވެރިކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ވާދަވެރިކަން ފެންނަނީ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓު ހޯދުމަށް ކުރިޔަށްދާ ކެމްޕެއިނުގެ ތެރެއިންކަމަށް ވެސް ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ، މި ވާދަވެރިކަމުގެ ސަބަބުން ކައުންސިލްގެ އިންތިހާބަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބި ހިންގާ މުއައްސަސާއެއްގެ ގޮތުގައި ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، ގާނޫނީ ގޮތުން ޕާޓީއާއި މަތިކޮށްފައިވާ މުހިންމު ޒިންމާތަކެއްވާކަމަށާއި އޭގެ ތެރޭގައި ސަރުކާރު ޖަވާބުދާރީކުރުވުން ހިމެނޭ ކަމަށެވެ.

ނަމަވެސް، މިވަގުތު ޕާޓީގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ޖަވާބުދާރީކުރުވުމާއި، ބަހުސްކުރުމާއި، ސުވާލުކުރުން ބޮޑުވެފައިވާތީ، އެ ޒިންމާ އަދާނުކުރެވޭކަމަށް ޑީޑީ ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވުމުގެ ކަންބޮޑުވުން އާންމު މެމްބަރުންގެ އެބައޮތްކަމަށް ޑީޑީ ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޑީޑީ ވަނީ މާލޭގެ މޭޔަރުކަމުގެ އިންތިހާބަކީ ރިޔާސީ އިންތިހާބު ފިޔަވައި ރާއްޖޭގައި އޮންނަ އެންމެ ބޮޑު، އެންމެ ވާދަވެރި އަދި އެންމެ ބުރަދަން ބޮޑު އިންތިހާބުކަމަށް ސިފަކުރައްވާފައެވެ. މާލެއަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ސަރަހައްދު ކަމަށްވާއިރު، މޭޔަރުކަމުގެ އިންތިހާބަކީ އެމްޑީޕީއަށް ވަރަށް މުހިންމު އިންތިހާބެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދެން މި ފެނުނީ ޕާޓީގެ ޗެއާޕާސަން ވެސް އިސްތިއުފާ ދެއްވާފަ، އާދަމް އާޒިމް ވާދަކުރައްވާ ކެންޑިޑޭޓާ ކުއްލިއަކަށް ގުޅިވަޑައިގެން މަންޒަރު… ދެން މީ ކުރީގެ ޗެއަޕާސަން ފައްޔާޒް އިސްމާއިލްއަކީ 2018 ވާދަކުރައްވާނެކަމަށް އިއުލާނު ވެސް ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ މީ އަސްލު މި ފެށޭ ހިސާބު.. މާކުރިން ތި ވިދާޅުވި ކަންތައްތަކުގައި، މީ މީ ޒުވާބު މި ފެށޭ ހިސާބު،، ހަގީގަތުގަ އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ.. އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ރިޔާސީ އިންތިހާބުގައި ޝައުގުވެރިކަން ހުރި ބޭފުޅުން ކުޑަކޮށް ފަހަތަށް ޖެހިވަޑައިގެން ލޯކަލް ކައުންސިލްގެ އިންތިހާބަށް އަމާޒު ހިފާ، އެކަމުގަ މަސައްކަތެއް ކުރައްވާ ބޭފުޅުންނަށް ޖާގަ ދެއްވުން މާ މުހިއްމޭ..

ޕާޓީގެ ތެރޭގައި ހިނގި ބައެއް ކަންކަމަށް އިޝާރާތްކުރައްވަމުން ޑީޑީ ވިދާޅުވީ، އާދަމް އާޒިމް ކެމްޕޭން ކުރައްވައި ހަރަކާތްތައް ފެއްޓެވި ހިސާބުން ފެނިގެން ދިޔައީ ޕާޓީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްތިއުފާ ދެއްވައި، އާދަމް އާޒިމްއާއި ދެކޮޅަށް އަލީ އާޒިމަށް ތާއީދުކޮށް ނިކުތް މަންޒަރު ކަމަށެވެ.

ޑީޑީ ވިދާޅުވި ގޮތުގައި އަނެއްކާވެސް ބަހުސްތައް އާންމުކޮށް ފެށި، ދެބަސްވާން ފެށީ ފައްޔާޒް 2018 ގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރެއްވި ހިސާބުންނެވެ. އަދި މައްސަލަ ގޯސްވީ، ފައްޔާޒް އިސްތިއުފާ ދެއްވި ހިސާބުންކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ހުރި ބޭފުޅުން މިވަގުތަށް ފަހަތަށް ޖެހިވަޑައިގެން ކައުންސިލްގެ އިންތިހާބަށް އަމާޒު ހިފައި، އެކަމުގައި މަސައްކަތް ކުރެއްވުމަށް ޑީޑީ ވަނީ ގޮވާލާފަ އެވެ. ޑީޑީ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މިފަދަ އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބޭއްވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: