ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން، ގާނޫނީ ވަކީލުންނާއި ނޫސްވެރިން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ޝަރީއަތް ނިމެންދެން މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރާ އަމުރެވެ. ނުވަތަ މަޝްހޫރު އާންމު ބަހުން ނަމަ ”ވާނުވާ ޖެހުން“ އެވެ.
މި ބަސް ޝަރީއަތް ނިމެންދެން ބަންދު ކުރުން ބަޔާން ކުރުމަށްޓަކައި ގާނޫނީ ވަކީލަކު ބޭނުންކުރެއްވުމާއެކު މާފަށް އެދެން ޖެހުނު ނަމަވެސް، މީޑިއާތަކުންވެސް މިހާރު ދަނީ މި ބަސް ބޭނުންކުރަމުންނެވެ. ވާނުވާގެ މައްސަލަތަކަށް ހައްލެއް ގެނައުމަށާއި، މިއީ ކިހާވަރެއްގެ ސީރިއަސް މައްސަލައެއްކަން ތިލަކުރީ ވެސް ގާނޫނީ ވަކީލުންތަކެކެވެ.
ޝަރީއަތް ނިމެންދެން، ކުށުގެ ތުހުމަތު ކުރެވޭ މީހަކު ބަންދު ކުރަނީ، އެ މީހެއްގެ ސަބަބުން މުޖްތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭތީ، ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، ނުވަތަ ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭތީ ނުވަތަ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާއި، ގުޅުންހުރި އެހެނިހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަން ކޯޓަށް ބެލެވޭ ހާލަތްތަކުގައި، ކޯޓުން ނެރުއްވާ ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުންނެވެ.
އެހެން ނަމަވެސް މީގެ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރާ މީހާ ވާނުވާއެއްގައި ބަންދުވެ، އެ މީހާގެ ޝަރީއަތް ނުފެށި ދެތިން އަހަރު ވެސް ވެގެން ދެއެވެ. އެހެން ނޫނީ މައްސަލަ ކޯޓުގައި ތާށިވެ، ޝަރީއަތްތައް ގަވައިދުން ނުބޭއްވުމުގެ ސަބަބުން އަންނަ ހުކުމަށްވުރެ ޖަލުގައި ހޭދަކުރި ދުވަސްތައް އިތުރުވާފަހަރު އާދެއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާނޫނު ހުއްދަކުރަނީ ވަރަށް ނާދިރު ހާލަތްތަކެއްގައެވެ. އަދި އެއީ އެ މީހެއްގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް އޮތްކަމަށް ގަބޫލު ކުރެވޭ ހިނދު އެވެ. މި އުސޫލުގެ ދަށުން މިހާރު އަމަލު ކުރާ ގޮތަކީ، މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މީހުން، އަދި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމެވެ.
ވާނުވާއެއްގައި ބަންދު ކުރުމުގެ ސަބަބުން ނިކުންނަ މައްސަލައަކީ، އެ މީހެއްގެ ޝަރީއަތް ފެށޭނެ ދުވަހެއް އަދި ނިމޭނެ ދުވަހެއް ވެސް އެނގޭނެ ގޮތެއް ނޭނގުމެވެ. ގިނަ ފަހަރަށް ތުހުމަތުވާ މައްސަލަ ނޫނީ އިތުރު މައުލޫމާތެއް އެ މީހަކަށް އެނގޭނެ ގޮތެއް ނޯވެއެވެ. އޭގެ ސަބަބުން އޭނާ ބަންދުގައި ހުންނަން ޖެހޭނެ މުއްދަތަކީ ކޮބައިކަމާއި، އެންމެ އަވަހަށް ވެސް ޝަރީއަތެއް ތާވަލު ކުރާނެ ދުވަހެއް އެމީހަކަށް އެނގޭނެ ގޮތެއް ނޯވެއެވެ. މައްސަލަ ”ވާނުވާ“ އަށްވާ ހިސާބަކީ މިއީ އެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ގޮތުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ، އޭނާ އެ ހައްޔަރު ކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެއެވެ. އަދި ދައުވާ ކުރަންޖެހޭ ވަކި މުއްދަތެއް ބަޔާން ކުރާއިރު، އެއީ ބަންދުގައި ހުރި މީހެއްނަމަ 30 ދުވަސް އަދި ބަންދުން ދޫކޮށްފައި ހުރިނަމަ 45 ދުވަހެވެ. އެ ގާނޫނުގެ 95 ވަނަ މާއްދާގެ ދައުވާ ކުރުމުގެ މުއްދަތުގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެކަމަށް ވަނީ ބުނެފަ އެވެ.
އަދި އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެ މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް ކަނޑައަޅާފައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން ވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެ ކަމަށެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ގާނޫނުގައި ބުނެފައިވާ މުއްދަތާއި އެއްގޮތަށް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނަމަ، މައްސަލައިގެ ބަންދުގައި ހުންނަ މީހާއަށް އޭނާގެ ހުކުމަކާއި ހަމައަށް ދާނެ ދުވަސް އެނގޭނެއެވެ. އަދި ޝަރީއަތް ކުރިޔަށް ދާނެ ގޮތުގެ ތާވަލު ވެސް އެނގޭނެއެވެ. ވަކި މުއްދަތެއްގެ ތެރޭގައި ބޮޑެތި މައްސަލަތައް ނިންމާލުމުގެ އެންމެ މުހިންމު އެއް ބޭނުންތަކަކީ އެއީ ހެއްކަށް ނުފޫޒެއް ނާންނަނީސް އެ މަރުހަލާ ނިންމާލެވުމެވެ. އަދި ހެކި ބަސް ދޭން ހުރި މީހާގެ ހަނދާނުން އެ މައްސަލައެއްގައި ކަންހިނގައިދިޔަ ގޮތް ކައްސާލައިގެން ނުދަނީސް ސާފުކޮށް އެކަން ޝަރީއަތުގައި ބަޔާން ކުރުމެވެ. އޭގެ އިތުރުން އަނިޔާ ލިބުނު މީހާއަށް އެ ލިބެންޖެހޭ އިންސާފަށް އެއްވެސް ހުރަހެއް ނައިސް އެ މަރުހަލާ ނިމި ހުކުމް އިއްވުމެވެ.
”ވާނުވާ“ ގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތްތައް ހިންގުމަށްޓަކައި، އޮތް ހައްލަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ކޮންޓިނިއުއަސް ހިއަރިންތައް ބޭއްވުމެވެ. މާނައަކީ ދެ ފަރާތަށް ވެސް ތައްޔާރުވާން އެކަށީގެންވާ ވަގުތުތައް ދިނުމާއި، ލިޔެކިއުންތައް ހަމަކޮށް، ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ހަމަޖެހި ދުވަސްތައް ސާފުކޮށް ބަޔާންކުރާ، ޓައިމްލައިނެއް އެކުލަވާލުމެވެ.
އަދި ކައިރި ކައިރީގައި އަޑުއެހުންތައް ތާވަލު ކުރުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ޖިނާއީ ބޮޑެތި މައްސަލަތައް އެ ދުވަހެއްގެ ހެނދުނުން ފެށިގެން ހަވީރުވަންދެން ކުރިޔަށް ގެންދެއެވެ. ޝަރީއަތެއްގައި އޮންނަ ތިން މަރުހަލާކަމަށް ވާ އިބްތިދާއީ މަރުހަލާ އާއި، ހެކިން ހާޒިރު ކުރުން އަދި ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދީ ހުލާސާ ބަޔާން އިއްވުމެވެ. އެއަށްފަހު މައްސަލައިގައި ފާހަގަކުރެވޭ ކަންކަމަށް ބިނާކޮށް ހުކުމް އިއްވޭނެއެވެ.
ސުޕްރީމް ކޯޓުން ވާނުވާ ބަންދުގެ މައްސަލައެއްގައި ނިންމި، ނިންމުމެއްގައި ވަނީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް ބަންދުގައި ބެހެއްޓޭނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އަދި ބަންދު ރިވިއު ނުކުރާކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނު މަގްސަދެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ވަނީ ބުނެފަ އެވެ.
އެ ހުކުމުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރު ބާތިލް ނުކުރަނީސް، އެ މީހުން ބަންދުން ދޫވާނެކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ. ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުވާ ކޮންމެ ފަހަރަކު މުޅި މައްސަލަ ބާތިލުވެ، ބަންދުގައި ހުންނަން ޖެހޭ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ގިނަ އިޖްރައާތުތަކަކީ މުޅި މައްސަލައަށް އަސަރު ނުކުރާނެ ފަދަ އިޖްރައާތުތަކެއް ކަމަށާއި ބަންދުގެ މައްސަލަތައް ރިވިއު ކުރުމަކީ ވެސް އެފަދަ އިޖްރައާތެއްގެ ގޮތުގައި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.
ރިމާންޑް ބަންދުގައި މިހާރު ތިބި ޖުމްލަ 400 އެއްހާ މީހުންގެ ތެރޭގައި ހިމެނެނީ ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ތިބި 117 މީހުންނާއި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ 116 މީހުންނާއި، މަރުގެ މައްސަލަތަކުގައި ދައުވާކުރާ 29 މީހުންނާއި، އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދައުވާކުރެވިފައިވާ 126 މީހުންނެވެ.
”ވާނުވާ“ ބަންދުގެ މައްސަލަ ޙައްލުކުރުމަށް އެންމެ މުޙިއްމު ކަމަކީ އެމީހަކު ބަންދުކުރެވޭ ހިސާބުން ފެށިގެން އެމީހަކާމެދު ކަންކަން ހިންގާނެ ގޮތަކާއި، އެކަންކަމަށް ހޭދަވާނޭ މުއްދަތުތައް އެމީހަކަށް ކުރިއާލާ އެނގޭނެ ގޮތަށް ތަހުގީގުކުރުމުގެ ނިޒާމާއި ޝަރީޢަތްކުރުމުގެ ނިޒާމު ބައްޓަންކުރުމެވެ. އަދި މި ކަންކަމަށް ހޭދަވާ މުއްދަތު އެންމެ ކުރުވާނޭ ގޮތަކަށް ކަމާބެހޭ މުއައްސަސާތަކުގެ މަސައްކަތް ބައްޓަންކުރުމެވެ.

