ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޜ އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީން ފާސްކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްފަހު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މަޖިލީހަށް ފޮނުވީ ބުދަ ދުވަހުއެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ތަހުގީގު ކުރަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅޭ ގޮތުން މީގެކުރިން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ނެރުއްވާފައިވާ ބަޔާންތަކުގައި ވިދާޅުވެފައި ވަނީ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި 15 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ޖޭއެސްސީގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަންއަށް ބެލުމުގެ ބާރު ލިބިގެންވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި އެއިން ކޮންމެ ކަމަކީވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ގަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާގޮތުގައި އެމަނިކްފާނާއި ދެކޮޅަށް ބަލަން ނިންމާފައިވާކަމަށް ބުނާ މައްސަލައަކީ ފަނޑިޔާރުންނާ ދެކޮޅަށް އުފުލުން ޤާނޫނީގޮތުން ހުއްދަކުރާ ސުލޫކީ މައްސަލައިގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫނެވެ.

