ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމުގެ ސިނާއަތަށް، މި ސަރުކާރުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ، މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމު ޤާއިމުކުރުމަކީ، އެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ނިޒާމު ފެށުނު ފަހުން، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ހާމަކުރައްވާފައެވެ. މިއީ މަސްވެރިންގެ ދިރިއުޅުމަށް އައިސްފައިވާ މާލީ ހަމަޖެހުމާއި، ސިނާއަތުގެ ކުރިއެރުން ދައްކުވައިދޭ މުހިންމު ހަގީގަތެކެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ނިޒާމު ރަސްމީކޮށް ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައެވެ. މި ނިޒާމުގެ ދަށުން، މިފްކޯއަށް މަސްކިރުވާ މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނޮވެމްބަރު 17، 2023 އިން ފެށިގެން މިހާތަނަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވުނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމަށް ފަހުގައެވެ. މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު ނަފާއެއް ލިބިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިންނަށް ދުވަސްކޮޅެއްގެ ތެރޭގައި ފައިސާ ލިބުމަކީ، އެމީހުންގެ އާމްދަނީގެ ޔަޤީންކަން އިތުރުވެ، މާލީ ހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. ކުރިން މަސްވެރިންނަށް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ދިމާވާ މާލީ ދަތިތައް މިހާރު ވަނީ ކުޑަވެފައެވެ. މިފްކޯއިން އެންމެ ފަހުން ވެސް ފައިސާ ދޫކޮށްފައިވަނީ، މަސްކިރުވި ދޯނިތަކުގެ 63 މަސްވެރިންނަށް 2.79 މިލިއަން ރުފިޔާއެވެ. މިފަދަ ނިޒާމެއްގެ ސަބަބުން، މަސްވެރިންނަށް އެމީހުންގެ ދޯނިފަހަރުގެ ހަރަދުތައް ކުރުމާއި، އާއިލީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަސޭހަވެގެންދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރުމަށް ވެސް މަސްވެރިންނަށް ހިތްވަރު ލިބިގެންދެއެވެ.
ރައީސް މުޢިއްޒުގެ މަސްވެރިކަމާ ގުޅޭ އަނެއް މުހިންމު ވައުދަކީ، މަސްގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްދިނުމެވެ. ނަމަވެސް، އެކަން ފުރިހަމަވުން ގުޅިފައިވަނީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވުމާއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، މަސްގަންނަ އަގު ބޮޑުކުރުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމެކެވެ. އެހެންކަމުން، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭ މިންވަރަކުން، މަސްގަންނަ އަގު ބޮޑުކުރުމުގެ ވައުދު ވެސް ފުއްދުމަށް މަގުފަހިވާނެއެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި ސަރުކާރުން ފާހަގަކުރާ ގޮތުގައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުން ލަސްވީ އިޤްތިޞާދީ ދަތިތަކާއި، ކުރީގެ ސަރުކާރުން ދޫނުކޮށް ހުރި ބޮޑެތި ޢަދަދުތަކުގެ ފައިސާ ދޫކުރުމަށް ވަގުތު ނެގުމުގެ ސަބަބުންނެވެ. އެ ދުވަސްވަރު މަސްވެރިންނަށް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން އެމީހުންނަށް ދިމާވި މާލީ ދަތިތައް ބޮޑުވެފައިވެއެވެ. ނަމަވެސް، މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ސަބަބުން، ކުރީގެ ދަތިތަކަށް ހައްލެއް ލިބި، މަސްވެރިކަމުގެ ސިނާއަތް ވަނީ އާ ހަރުފަތަކަށް އަރާފައެވެ. މި ޕޭމަންޓް ނިޒާމަކީ، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.

