އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތިޤުރުއާނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަންކަމާއި މެދު ސުވާލު އުފައްދާ ހަޖޫޖެހުމަށް ފަހު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން، ދިވެހިންގެ ލޭ ކެކިގެންދިޔައެވެ. އެމްޑީއެން ޖަމިއްޔާ އަކީ މީގެ އެތައް އަހަރެއް ކުރިންވެސް އޮންނަ ޖަމިއްޔާއެއް ނަމަވެސް މި ޖަމިއްޔާގެ މަސައްކަތްތުގެ އަޑުތަކެއް ނާރައެވެ. މަދު މަދުން ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި މިނިވަން ފިކުރަށް ގޮވާލިނަމަވެސް އަނެއްހެން ޖަމިއްޔާ އޮޕަރޭޓް އެއް ނުވެއެވެ.
އެންޑީއެމް އިން ”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައިވެއެވެ.
ރާއްޖޭގެ ކަރިކިއުލަމްގެ ސަބަބުން އިސްލާމް ދީން ގަބޫލުކުރާ ދިވެހި ކުދިން އެހެން ދީންތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ނުވަތަ އިހްތިރާމް ކުރާ މިންވަރު ދަށްވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ފިލާވަޅުތަކުގެ ފޮޓޯ ހިމަނާ ވަކި ވަކީން ހައިލައިޓްކޮށް ރިޕޯޓުގައި ވަނީ މިއީ ކުދިންނަށް ކޮންމެހެން ކިޔަވައިދޭންޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އަދި ފޮތްތަކުގައި އިސްލާމް ދީނުގެ ތާރީޚުގައި ހިނގާފައިހުރި ހަނގުރާމަތަކާއި ކަންތައްތައް ދީނާ ގުޅުވައިފައިވުމުން އެހެން ދީންތަކާ މެދު ނަފްރަތު ކުރެވޭ ގޮތް ދިމާވެ ޖިހާދަށް މަގުފަހިވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން މިއީ އެހެން ދީންތަކަށް ”ނަފްރަތު“ ކުރުވުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މިމީހުންގެ މަޤުސަދު ވަރަށްވެސް ސާފެވެ. ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ އަޤީދާ ބަލިކަށިކޮށްލާ ހުޅަނގުގެ ފިކުރާ އާދަތަކައް އެކުދިން ފަރިތަކުރުމެވެ. މިއީ އެމީހުން ވަރަށް ނުރައްކާތެރިކޮށް ކުޅުނު ކުޅިއެކެވެ. އެންމެ ފަސޭހައިން ސަވާރުވެވޭނީ ކުޑަކުދިންގެ ބޮލުތެރެއަށްކަން އިނގޭތީ، މިއީ ޤަސްތުގައި ކޮށްފައިވާ ކަމެކެވެ.
އެމްޑީއެން އުވާލުމަށް އެދި މުޅި ދިވެހިރާއްޖެ ގޮވާލަމުން ދިޔަތާ އެއްމަސްދުވަސްފަހުން އެ ޖަމިއްޔާ އުވާލައިފިއެވެ. ޖަމިއްޔާ އުވާލާން އެހާ ގިނަދުވަސް ނެގީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް އެ ޖަމިއްޔާގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތް މިނިސްޓޤރީއިން ބުނިއެވެ. ނަމަވެސް ލޮލަށް ފެންނާން ހުރި ކަމެއްގައި ނިންމަން ޖެހޭ ޤާނޫނީ ހުރީ ކޮންކަމެއްބާއޭ ހިތައް އެރިއެވެ. ބަލަން ޖެހޭ ކަންކަން ހުރި ކަމަށް ބުނި އިރު އެއީ އާންމުކޮށް ނެރުނު ރިޕޯޓެކެވެ. ލިޔެފައިވާ އެއްޗެހި ހުރީ ފެންނަންށެވެ. އެމީހުންގެ މަޤުސަދު، އެކިގޮތްގޮތުން ޖަމިއްޔާގެ މީހުން ދިޔައީ ހާމަކުރަމުންނެވެ.
އެތަށް މުޒާހަރާއެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އަޑުއުފުލުމަށްފަހު މިހާރު ޖަމިއްޔާ މިވަނީ އުވާލާފައެވެ. ނަމަވެސް ރިޕޯޓު އެކުލަވާލުމުގައި ބައިވެރި އެއްވެސް މީހަކާއި މިހާތަނައް ސުވާލުކުރެވުފައެވެ ނުވެއެވެ. ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ދައްކާ ޙުއްޖަތަކީ އެ ރިޕޯޓު އެކުލަވާލުމުގައި ހަރަކާތްތެރިވި އެއްވެސް މީހަކު ރާއްޖޭގައި ނެތް ކަމެވެ. ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލް، ރިޕޯޓު އާންމު ކުރިއިރުވެސް ރާއްޖޭގައި ނެތް ކަމެވެ. އޭނާ މިހާރު ހުރީ ބޭރުގެ ހިމާޔަތްހޯދައިގެން ކަމަށް މައުލޫމާތުލިބެއެވެ. ސުވާލަކީ މީގެ ކުރިންވެސް ޤައުމުން ފިލައިގެން ގޮސްތިބި އެތައް މީހަކު ޙޯދުމަށް ރެޑް ނޯޓިސް ނެރުނު އިރު ޝަހިންދާ އިސްމާއިލްއާއި ރިޕޯޓާއި ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައިވާ އަޒްރާ ރާއްޖެ ގެނައުމަށް ރެޑްނޯޓިސް ނުނެރެވެންވީ ކީއްވެތޯ؟ އިންޓަޕޯލް މެދުވެރިކޮށްވެސް މީހުން ރާއްޖެ ގެނެސްފައިވާއިރު އެމީހުން ނުގެނެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
އަޒްރާ ނަސީމް ބުނާގޮތުން އޭނާއަށް ރާއްޖޭގައި މިހާރު ސަލާމަތްތެރިކަމެއް ނެތެވެ. އަދި ރާއްޖެއައުމަށް ވަނީ ދެކޮޅުހަދާފައެވެ. ގިނަ ބަޔަކު ބުނާގޮތުގައި އެމްޑީއެން ދަށުވެ ސަރުކާރު ޗިސްވެއްޖެއެވެ.
މުސްލިމް ދައުލަތެއްގެ މައްޗަށް ބިނާވެފައިވާ މުސްލިމް ރައްޔިތުންތަކެއް ތެރޭގައި އުލޭއިރު މީހެއްގެ ގައިގާ ކޮންމެވެސް ވަރެއްގެ އުޅުމެއް ހުންނަންވާނެއެވެ. އިސްލާމްދީނައް ފުރައްސާރަނުކޮށްވެސް ހިޔާލު ފާޅުކުރެވިދާނެއެވެ. އަދި ދީނުގައި އަންގަވާފައިވާ ކަންކަމާއި މެދު ތިމާގެ ހިތުގައި ސުވާލެއް ވާނަމަ އެކަންްކަން އޮޅުންފިލުވޭނެ ގޮތް ހުންނާނެއެވެ.
އިންސާނީ ޙައްޤުތަކޭ ކިޔައިގެން އިސްލާމްދީނަށް ފުރައްސާރަކުރި ޖާހިލު ބަޔަކު މިއަދު މިވަނީ ސަރުކާރައްވުރެ ގަދަވެފައެވެ. އެމީހުން މިނިވަންކަންމަތީ ދޫވެފައި ތިބޭހާ ހިނދަކު މި ކުޑަ ރާއްޖެއަކީ ޙައްދުފަހަނައަޅާފައިވާ ޤައުމެއްގެ ގޮތުގައި ލޭބަލްކޮށް ބައިނަލްއަޤުވާމީ މައިދާނުގައި އެކަން ސާބިތުކޮށްދޭން މަސައްކަތްކުރާނެއެވެ.
ލަހުން ނަމަވެސް އެމްޑީއެން އުވާލެވިއްޖެއެވެ. އެކަމަށް ރައީސް ސޯލިހުއަށް ފައްފަށުން ޝުކުރިއްޔާއެވެ. ނަމަވެސް ރިޕޯޓު އެކުލަވާލުމުގައި ބައިވެރި މީހުން މިނިވަންވެގެން ތިބިހާ ހިނދަކު މިކަމަށް ނިމުމެއް ނާންނާނެއެވެ. ޖަމިއްޔާއެއް އުވާލާ އިރަށް އަނެއް ޖަމިއްޔާއެއް އުފެއްދިދާނެއެވެ. އެހެން ކަމުން ދަންނަވާލަން އޮތީ ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވި ސުންޕާ މީހުންތައް ލަސްނުކޮށް ހައްޔަރުކުރައްވާށޭ! އެމްޑީއެންގެ ބައިގަނޑު ގެންނަން އިންޓަޕޯއިލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުނު ކަމަށް ވިޔަސް ރާއްޖެއަށް ރެޑް ނޯޓިސް ނުނެރޭނެއެވެ.

