ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުން ބަލައި ނުގަންނަކަމަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ، ބަޔާން ނެރުއްވުމަށްފަހު ”ސަންގު“ އާއި މި ބަޔާން ހިއްސާ ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީއިން ވަނީ ފޮނުވާފައެވެ. އަދި އެ ދެބޭފުޅުންވެސް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީންން ވަނީ މިއަދު ފާސްކޮށްފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން ނިންމި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާ ކަމަށާއި އެހެންވެ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު މިކަމާއި ގުޅިގެން އާއްމު ކުރެއްވި ބަޔާނުގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ. ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ކޮމިޝަނާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި، އަދި ގަނޫނު ނަންބަރު 10/2008 (ޖުޑީޝިއަލް ސާވިސް ކޮމިޝަންގެ ގާނޫނު) ގެ 21 ވަނަ މާއްދާއާއި، އަދި އެހެނިހެން ދުސްތޫރީ ނައައްސުތަކުން އެ ކޮމިޝަނާއި ހަވާލުކޮށްފައިވާ ބާރުތައް ބެލުމުން އޮޅުމެއް ނެތި ސާފު ވާކަމަކީ އެ ކޮމިޝަނަށް ފަނޑިޔާރެއްގެ މައްސަލައެއްގެ ގޮތުގައި ބެލޭނީ ހަމައެކަނި ސުލޫކީ މައްސަލަތައް އެކަނި ކަމުގައެވެ.
ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 8 ވަނަ މާއްދާއާއި 268 ވަނަ މާއްދާއާއި 299 (ހ) ވަނަ މާއްދާތަކުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިނގަން ވާނީ ގާނޫނު އަސާސީއާއި ގާނޫނާއި ވާ ގޮތުގެ މަތީން ކަމަށެވެ. އަދި ގާނޫނު އަސާސީގެ ސިޔާދަތަށް ހުރިހާ ފަރާތްތަކެއްވެސް ބޯލަނބައި އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި ގަނޫނު އަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާގެ ސަރީހަ ނައައްސުން ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ދިވެހި ރާއްޖޭގެ ހައިކޯޓަށާއި، ގާނޫނު އުފައްދާ ދަށު ކޯޓުތަކަށްކަން އެނގޭ ކަމަށެވެ.
އެ ކޮމިޝަނަކީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުކަމުގައި ވިޔަސް، އަދި ދިވެހި ރާއްޖޭގެ އެހެން ކޯޓެއް ކަމުގައި ވިޔަސް، ގަޟާއީ ނިންމުމެއް، އެއްވެސް ސިފައެއްގައި، އެއްވެސް ގޮތަކަށް، އެއްވެސް މިންވަރަކަށް މުރާޖައާކޮށް، ނުވަތަ ބަލައި، އެ ނިންމުމެއްގެ ދުސްތޫރިއްޔަތު، ނުވަތަ ޝަހުސިއްޔަތު، ނުވަތަ ސައްހަކަން، ނުވަތަ މެރިޓް ވަޒަންކޮށް، އެ ނިންމުމެއް ނިންމި ފަނޑިޔާރުންނާއި މެދު އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމުގެ އެއްވެސް ބާރެއް ލިބިގެންވާ ފަރާތެއް ނޫންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޖޭއެސްސީއިން ވިޔަސް، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖުކޮށް، އެއިން ނިންމުމެއްގެ ސައްހަކަން ނުވަތަ ދުސްތޫރިއްޔަތު ނުވަތަ ޝަހުސިއްޔަތު ކަނޑައަޅާން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި ގަނޫނު އަސާސީގެ ސިޔާދަތަށާއި އަމުރަށް ބޯލެނބުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކުން ލާޒިމުކޮށްފައިވާ، ގާނޫނު އަސާސީގެ 268 ވަނަ މާއްދާއާއި 299 ވަނަ މާއްދާގެ (ހ) ފަދަ މާއްދާތަކުގެ ބާރު ކަނޑުވައިލުންކަން އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ އެތައް މާއްދާއަކާއި، ގާނޫނީ އެތައް ނައައްސަކާއި ހިލާފަށް، ކޯޓެއްގެ ނިންމުންތައް މުރާޖައާކޮށް، ފަނޑިޔާރުން ނެރެފައިވާ ގަޟާއީ ރައުޔުތަކަކަށް ނުވަތަ ނިންމާފައިވާ ނިންމުންތަކާއި ގުޅުވައި، އެ ނިންމުންތައް މެރިޓް ވަޒަންކޮށްގެން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުމާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުތަކަށް ގޮންޖަހައި، އެ އަމުރުތަކާއި ހިލާފަށް އަމަލު ކުރަމުން ގެންދިއުމަކީ، އެކަމުގައި ބައިވެރިބާ ކޮމިޝަންގެ މެމްބަރުން އެ ކޮމިޝަންގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބުތަކަށް ހިޔާނާތްތެރިވެ، ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، އަދި ގާނޫނު ނަމްބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުންކޮށްގެން ތިބި ހުވަޔާއި ހިލާފުވުން ކަމަށެވެ.
ފަނޑިޔާރުގޭގެ މިނިވަންކަމުގެ މަބްދައު ނެގެހެއްޓުމަށް ޓަކައި އެންމެ އަސާސީ އެއް ކަމަކީ، ފަނޑިޔާރުންނަށް ވަޒީފާގެ ރައްކާތެރިކަން ދިނުންކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސިޔާސީ ނިންމުންތަކާއި، އެނޫންވެސް، އަދުލުވެރި ނޫން ނިންމުންތަކާއި، ނުފޫޒު ފޯރުވުމުގެ ނިންމުންތަކުން ފަނޑުޔާރުން ވަޒީފާއިން ވަކި ނުކުރުމުގެ ގަރަންޓީ އޮތުން ކަމަށެވެ. އަދި ވަކިގޮތަކަށް ހުކުމް ކުރީތީ ނުވަތަ ވަކިގޮތަކަށް ހުކުމް ނުކުރީތީ، ނުވަތަ ވަކި ގޮތަކަށް ފަނޑިޔާރުގެ އިޖުތިހާދީ ރައުޔު ގެންގުޅުނީތީ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެކަމުގެ ނުވަތަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދެއްކުމާއި، ފިޔަވަޅު އަޅައި ވަޒީފާއިން ވަކި ކުރުމަކީ އޭގެ ސަބަބުން ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން މުޅީން ނެތިގޮސް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސީ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ”ޝާއްޒު“ ނުވަތަ ”އެބްނޯމަލް“ ޡަޤާފަތެއް ގާއިމްކުރެވިދާނެ ކަމެއްކަން ވެސް ކަށަވަރު ކަމަށެވެ.

