އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ދެމުންދާ ސެކިއުރިޓީއަށް ހުއްޓުމެއް ގެނެސްފައި ނުވާކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި، ފަތުރެމުންދާ ބައެއް އަޑުތަކާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް އެމްއެންޑީއެފް އިން ދެމުންދާ ސެކިއުރިޓީ ހުއްޓާނުލާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ޖުޑީޝިއަރީއިން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ އިދާރާއިންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އަޑުތައް ފެތުރިގެން ދިޔައީ ޖޭއެސްސީގެ ނިންމުން ބަލައި ނުގަންނަކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވިތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ. އަޑުތައް ފެތުރިގެން ދިޔައީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދީފައިވާ ވެހިކަލް އާއި އަދި ސެކިއުރިޓީ ހުއްޓާލައިފައިވާކަމަށް ބުނެއެވެ.
މިރޭގެ ވަގުތެއްގައި ބަޔާން ނެރުއްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ. އަދި ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ކޮމިޝަނާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި، އެހެނިހެން ދުސްތޫރީ ނައައްސުތަކުން އެ ކޮމިޝަނާއި ހަވާލުކޮށްފައިވާ ބާރުތައް ބެލުމުން އޮޅުމެއް ނެތި ސާފު ވާކަމަކީ އެ ކޮމިޝަނަށް ފަނޑިޔާރެއްގެ މައްސަލައެއްގެ ގޮތުގައި ބެލޭނީ ހަމައެކަނި ސުލޫކީ މައްސަލަތައް އެކަނި ކަމުގައެވެ.
ފަނޑިޔާރަކު ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މައްސަލަ ނުބެލޭނެ ކަމާއި އަދުލްއިންސާފުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީއިން ކަށަވަރުވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ނެރުއްވި ބަޔާނުގައި ވެސް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ތަކުރާރު ކުރެއްވެވިއެވެ.
އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖްކޮށް ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރެއް ޖޭއެސްސީއަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމަކަށް އެ ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވަނީ މިރޭ ވެސް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ބޭފުޅުން ސަސްޕެންޑް ކުރުމުގެ އިތުރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި އެ ދެބޭފުޅުންވެސް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީންން ވަނީ ފާސްކޮށްފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން ނިންމި އެވެ.
ޖޭއެސްސީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ކަމަށެވެ.

